ދުނިޔެ

ނައިޖަރުގެ ބާޣީން ވަގްނާގެ އެހީއަށް އެދިއްޖެ

ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމްގެ މަދަނީ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލައި، އަމިއްލަ ކައުންސިލަކުން މިހާރު ވެރިކަންކުރަމުން ގެންދާ އަސްކަރީ ޖެނެރަލުން -- ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕުގެ އެހީއަށް އެދި ހުށަހަޅައިފި ކަމަށް ޚަބަރުތައް ބުނެފި އެވެ.

ނައިޖަރުގެ ބާޣީން ވެރިކަން ދެމެހެއްޓުމަށް ޓަކައި ތެޅިފޮޅެމުން އެ ގެންދަނީ ހަތިޔާރު ބަހައްޓައި އަމާން ދިނުމަށްފަހު ކުރިން އޮތް ބަޒޫމްގެ ވެރިކަން އިއާދަކުރުމަށް އަވައްޓެރި ގައުމުތަކުން ގޮވާލާފައިވާތީ އެވެ.

އެ ނޫން ގޮތެއްގައި ބާޣީންނަށް އޮތީ އަސްކަރީ ބާރުތަކާ ކުރިމަތިލައި އެ މީހުންގެ ނިމުން ހަތިޔާރުން އިޚުތިޔާރުކުރުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަގްނާގެ އެހީތެރިކަމަށް އެދި ހުށަހެޅީ ޖެނެރަލް ސާލިފޫ މޫދީ އެވެ. މިއީ ބާޣީންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ މިދާކަށް ދުވަހު އަވައްޓެރި މާލީއަށް ގޮސް އުޅެނިކޮށް ވަގްނާ މެމްބަރަކާ ދިމާވެގެން އެހީއަށް އެދުނީ ކަމަށް ޚަބަރުތައް ބުނެ އެވެ. ނަމަވެސް ވަގްނާ ގުރޫޕުން އަދި ޖަވާބެއް ނުދޭ ކަމަށް ނޫސް އޭޖެންސީތަކުން ބުނެ އެވެ.

ވަގްނާ އޮފިޝަލަކާ ހަވާލާދީ އޭޕީ ނިއުސް އޭޖެންސީން ބުނާ ގޮތުން އެކަމާ ވިސްނާނެ ކަމަށް ބާޣީން ގާތު ވަގްނާ އޮފިޝަލް ވަނީ ބުނެފަ އެވެ.

ރަޝިއާގެ ރިއާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ރަޝިއާގެ ރަސްމީ ބަހެއް ނެތި ވަގްނާއަށް ގައުމުން ބޭރުގައި ހަރަކާތްތެރިއެއް ނުވެވޭނެ އެވެ. އަދި ނައިޖަރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެ ގައުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ރަޝިއާގެ ބުނުމަކީ ބަޒޫމްގެ ގާނޫނީ ސަރުކާރު އިއާދަކުރުމެވެ. އެ ނޫން ގޮތެއްގައި ކުށެއް ނެތް އަދި ގުޅުމެއް ނެތް ކިތަންމެ ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިޖަރުގެ ރިޔާސީ ގާޑުން އިސްވެ ބަޒޫމްގެ ސަރުކާރު ވައްޓާލުމުން ވަގްނާ ގުރޫޕްގެ ލީޑަރު ވަނީ މަރުހަބާ ކިޔާފަ އެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ ގައުމުން ހުޅަނގުގެ ނުފޫޒު ފޮހެލަން ކުރާ މަސައްކަތަކީ ބަޣާވާތެއް ނޫނެވެ.