ނައިޖަރ

ހުޅަނގު އެފްރިކާ ގައުމުތަކަށް ހަމަލާދޭން ޖެހިދާނެ: ނައިޖަރު

ހުޅަނގު އެފްރިކާ ގައުމުތަކުގެ މެދުގައި އުފައްދާފައި އޮންނަ އީކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވާސް)ގެ މެމްބަރު ގައުމުތަކަށް ހަމަލާދޭން ޖެހިދާނެ ކަމަށް ނައިޖަރުގައި ބަޣާވާތްކޮށްގެން ތިބި އަސްކަރީ ޖެނެރަލުން ބުނެފި އެވެ.

އީކޯވާސްގެ މެމްބަރުން އަސްކަރީ ގޮތުން ނައިޖަރަށް ބިރުދައްކާނަމަ އެއަށްވުރެ ކުރިން ނައިޖަރުން ހަރަކާތްތެރިވާނެ ކަމަށް ބާޣީން ބުނެ އެވެ.

ނައިޖަރުގައި މިދާކަށް ދުވަހާ ހަމައަށް އޮތް ރައީސް މުހައްމަދު ބަޒޫމްގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު -- ޖުލައި 26 އިން ފެށިގެން އެ ގައުމުގައި ވެރިކަން ހިންގަނީ "ނޭޝަނަލް ކައުންސިލް ފޮ ދަ ސޭފްގާޑިން އޮފް ދަ ކަންޓްރީ"ގެ ނަމުން އުފައްދާފައި އޮތް ކައުންސިލަކުންނެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައިގަންނަ ބައިގަނޑެއް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު ބަޒޫމް މިހާރު ހުންނެވީ އަސްކަރީ ޖެނަރަލުން ކިޑްނެޕްކޮށްފަ އެވެ.

އީކޯވާސްގެ ގައުމުތަކުން ނައިޖަރަށް ގޮވާލާފައި އޮތީ އެ ގައުމުގައި ކުރިން އޮތް މަދަނީ ވެރިކަން އިއާދަކުރުމަށެވެ. އެ ނޫން ގޮތެއްގައި ނައިޖަރަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އޮތީ އިންޒާރު ދީފަ އެވެ.

ބާޣީ ޖެނެރަލުން މިކަމަށް ދިން ރައްދެއް ގޮތުގައި ދައުލަތުގެ ޓީވީ އިން ބަޔާނެއް ވަނީ އިއްވާފަ އެވެ. މި ބަޔާން އިއްވަމުން ކައުންސިލްގެ ތަރުޖަމާން އަމަދޫ އަބްދުއްރަހްމާން ވަނީ ނައިޖަރުގައި އޮންނަން ޖެހޭ ވެރިކަމަކާ ބެހޭ ގޮތުން ލަފާ ނުދިނުމަށް މެމްބަރު ގައުމުތަކަށް ގޮވާލާފަ އެވެ.

އެއަށްފަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަވާ ނައިޖަރުގެ ސަފީރާއި، ނައިޖީރިއާގެ ވެރިރަށް އަބޫޖާ އަދި ޓޯގޯގެ ވެރިރަށް ލޯމްގައި ހުންނަވާ ސަފީރު ވަނީ ގައުމަށް ގެންގޮސްފަ އެވެ.

ނައިޖަރަށް ބިރުދައްކާނަމަ ކުރިއާލައި އެންގުމެއް ނެތި އަދި ސަބަބު ބަޔާންކުރުމެއް ނެތި ނައިޖަރު ޑިފެންސް އެންޑް ސެކިޔުރިޓީ ފޯސަސް އިން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ތަރުޖަމާން އިންޒާރު ދިނެވެ.

ނައިޖަރަކީ އެފްރިކާ ބައްރުގައި އޮންނަ -- ނައިޖީރިއާ، ޗާޑް، މާލީ، ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރި އެކެވެ. މިއީ އެފްރިކާއަށް ނިސްބަތްވާ އެންމެ ފަގީރު ގައުމުތަކުން ގައުމެކެވެ.

ފަރަންސޭސި އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވެ ނައިޖަރު އަމިއްލަ ވެރިކަމަކަށް ދީއްލާލީ 1960 ގައެވެ. އެހެން ނަމަވެސް، މިއީ ދާޚިލީ ހަމަނުޖެހުން ވަރަށް ބޮޑު ގައުމެކެވެ.

ނައިޖަރުގެ އާބާދީ އަކީ 25 މިލިއަނެވެ. އާބާދިގެ 80 ޕަސެންޓަކީ ސުންނީ މުސްލިމުންނެވެ.

ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމަށް ވަޑައިގަތީ ފެބްރުއަރީ 2021 ގައި އެ ގައުމުގައި އޮތް އިންތިހާބުން 55 ޕަސެންޓް ހޯއްދަވައިގެންނެވެ.