އެކޮވާސް އަކީ "އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް" ކުރުކޮށް ކިޔާ ގޮތެވެވެ. މި ޖަމާއަތުގައި ހިމެނެނީ 15 ގައުމެކެވެ. މީގެތެރޭގައި ނައިޖަރު ވެސް ހިމެނެ އެވެ.
ނަމަވެސް، ނައިޖަރާ ހެދި އެކޮވާސް ބައިވައިވެދާނެ ކަމުގެ ބިރު މިހާރު އޮތީ ހީވެފަ އެވެ.
ނައިޖަރަށް ޖުލައި 26 ގައި ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން އެކޮވާސްގެ މެންބަރު ގައުމުތަކުން ގޮވާލާފައި ވަނީ އެ ގައުމުގައި ކުރިން އޮތް މުހައްމަދު ބަޒޫމްގެ ވެރިކަން އިއާދަކުރުމަށެވެ.
އެ ނޫން ގޮތެއްގައި ނައިޖަރަށް އޮތީ އެކޮވާސް ގައުމުތަކުގެ އަސްކަރިއްޔާއާ ކުރިމަތިލުމެވެ.
އެކޮވާސް ގައުމުތަކުން ނައިޖަރަށް އަރައިގަތުމާ މެދު، އެ ޖަމާއަތުގެ ބައެއް އެހެން މެންބަރުންގެ މެދު ޚިޔާލު އެއްގޮތެއް ނޫނެވެ. މީގެ ތެރޭގައި މާލި އާއި ބުރުކީނާ ފާސޯ ހިމެނެ އެވެ.
ބުރުކީނާ ފާސޯ އާއި މާލީ އަކީ ވެސް އެކޮވާސްގެ މެންބަރު ދެ ގައުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބުރުކީނާ ފާސޯ އާއި މާލީން މިހާރު ވަނީ ނައިޖަރަށް އަސްކަރީ ޖެޓްތައް ފޮނުވާފަ އެވެ. އެއީ އެކޮވާސްގެ އެހެން ގައުމަކުން ދިމާވެދާނެ ހަމަލާއަކުން ދިފާއުވުމަށެވެ.
ބުރުކީނާ ފާސޯ އާއި މާލީގެ އަސްކަރިއްޔާއިން ވެސް ވަނީ ދާދި އެއް މާނައެއް ދޭހަވާ ގޮތަށް ބަޔާނެއް ނެރެފަ އެވެ. ނައިޖަރާ ދެކޮޅަށް ދެވޭ ކޮންމެ ހަމަލާ އަކީ ބުރުކީނާ ފާސޯ އާއި މާލިއަށް ދެވޭ ހަމަލާއެއް ގޮތުގައި ދެކޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކޮށް ރިޔާސީ ގާޑުންނާއި އަސްކަރިއްޔާ ގުޅިގެން ނައިޖަރުގައި އުފައްދާފާއި އޮތް ސަރުކާރުގެ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ތަޝްޔާނީ އެވެ. އޭނާ ކުރިން ހުންނެވީ ރިޔާސީ ގާޑުންގެ ވެރިޔާގެ މަގާމުގަ އެވެ.
ނައިޖަރަކީ އެފްރިކާ ބައްރުގައި އޮންނަ -- ނައިޖީރިއާ، ޗާޑް، މާލީ، ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރި އެކެވެ. މިއީ އެފްރިކާއަށް ނިސްބަތްވާ އެންމެ ފަގީރު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ނައިޖަރުގެ އާބާދީ އަކީ 25 މިލިއަނެވެ. އާބާދީގެ 80 ޕަސެންޓަކީ ސުންނީ މުސްލިމުންނެވެ.
ނައިޖަރަށް ގެނައި ބަޣާވާތަށް އެ ގައުމުގެ ވަރަށް ގިޔަ ބަޔަކު ތާއީދުކުރެ އެވެ.