ބޮލީވިއާގައި އަސްކަރީ ޖެނެރަލުން ބަޣާވާތަކުން ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ފޭލިވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުން ބަޣާވާތް ނާކާމިޔާބުވީ ސަރުކާރުގެ އިދާރާތައް ހިސާރުކޮށްގެން ތިބި ސިފައިން އެނބުރި މަރުކަޒުތަކަށް ދިއުމަށް އަސްކަރިއްޔާގެ އާ ވެރިޔާ، ޖޯޒް ވިލްސަން އެންގެވެމުންނެވެ.
ބޮލީވިއާގައި އަސްކަރީ ބަޣާވާތެއްގެ ސިފަޖެހުނީ އަސްކަރިއްޔާގެ ވެރިއަކަށް ކުރިން ހުންނެވި ކޮމާންޑަރު ޖުއާން ޖޯޒް ޒުނިގާ ޓޭންކަރެއްގައި ވަޑައިގެން ވެރިރަށް ލާ ޕާޒްގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެވަޑައިގަތުމުންނެވެ.
ބޮލީވިއާގެ ރައީސް ލުއިޒް އާސޭ ވެސް ދިރިއުޅުއްވަނީ މި ގަނޑުވަރުގަ އެވެ.
އަސްކަރިއްޔާގެ ފަރާތުން ލިބިވަޑައިގެންނެވި އިންޒާރާ ގުޅިގެން -- ސަރުކާރުގެ ވެރިޔާގެ ހައިސިއްޔަތުން ދައުލަތް ދެމެހެއްޓުމަށް ރައީސް އާސޭ އެދިވަޑައިގެންނެވި އެވެ. އަދި ދައުލަތުގެ ޓީވީން އާންމު އިއުލާނެއްގައި ގައުމުގެ ލާބައަށް މަސައްކަތްކުރުމަށް އާންމުންގެ ކިބައިންވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
ބޮލީވިއާއަށް އަނެއްކާވެސް ނިކަމެތި ހާލަތެއް މެދުވެރިވެއްޖެކަމަށް ވިދާޅުވެ ބަޣާވާތާ ދެކޮޅަށް ތެދުވުމަށް ރައްޔިތުންގެ ކިބައިން ރައީސް އާސޭ އެދިވަޑައިގެންނެވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބޮލީވިއާގައި އަސްކަރިއްޔާއިން ބަޣާވާތްކުރަން އުޅުނީ ކުރިން އަސްކަރިއްޔާގެ ވެރިޔާގެ މަގާމުގައި ހުންނެވި ޒުނިގާ އަންގާރަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޒުނިގާ މަގާމުން ވަކިކުރީ ބޮލީވިއާގެ ކުރީގެ ރައީސް އީވޯ މޮރޭލްސްއަށް އިންޒާރުދެއްވައި އެތައް ފަހަރަކު ބިރުދެއްކެވުމާ ގުޅިގެންނެވެ.
ޒުނިގާއަށް ބައިއަތުހިފި ސިފައިންނަށް މާބޮޑު ކަމެއް ކުރެވުމުގެ ކުރިން އަސްކަރިއްޔާގެ ވެރިއަކަށް މިހާރު ހުންނެވި ޖޯޒް ވިލްސަން ވަނީ ހަރުކަށިކަން ދޫކޮށްލައި ސިފައިން ރަސްމީ މަސްއޫލިއްޔަތަށް ރުޖޫއަވުމަށް އަމުރުކުރައްވާފަ އެވެ.
މިގޮތުން އެޅުނު ފުރިހަމަ ފިޔަވަޅުތަކުގެ ސަބަބުން ބޮލީވިއާ މިހާރު އޮތީ އަސްކަރީ ބަޣާވާތުން ސަލާމަތްވެފަ އެވެ.
ބަޣާވާތްކުރުމުގެ ކުށުގައި ޒުނިގާ މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ފަހަތުގައި ތިބި ބައެއް ސިފައިން ވެސް ތިބީ ހައްޔަރުކޮށްފަ އެވެ.
ބޮލީވިއާގައި ގެންނަން މަސައްކަތްކުރި އަސްކަރީ ބަޣާޥާން މުޅި ދުނިޔެއިން ދަނީ ކުށްވެރިކުރަމުންނެވެ.