ދުނިޔެ

ގެބޯންގެ ވެރިކަން ބަޣާވާތަކުން ވައްޓާލައި ޖެނެރަލް އެންގުއޭމާ ވެރިކަމަށް

އެފްރިކާގެ ދެކުނު އަރިމަތީގައި އޮންނަ ގެބޯންގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލައި ޖެނެރަލް ބްރައިސް އޮލިގުއި އެންގުއޭމާ ވެރިކަމަށް -- އިންތިގާލީ ރައީސްގެ މަގާމަށް ވަޑައިގެންފި އެެވެ.

އެންގުއޭމާ އަކީ އަސްކަރިއްޔާގައި ވަރަށް ނުފޫޒުގަދަ ޖެނެރަލެއް ކަމަށް ބުނެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ބަޣާވާތްކުރީ ރިޔާސީ ގާޑުން އަދި ސިފައިންނާއި ފުލުހުން ގުޅިގެންނެވެ.

ގެބޯންގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އޮތް އަލީ ބޮންގޯ އޮންޑިމްބާގެ ވެރިކަން ވައްޓާލަން ޖެހުނު ސަބަބެއް ކަމަށް ވަނީ މި މަހު 26 ގައި އެ ގައުމުގައި އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމެވެ. ޚަބަރުތައް ބުނާ ގޮތުން މި އިންތިޚާބުގައި، ގެބޯންގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއަށް 64.27 ޕަސެންޓް މިބިވަޑައިގެންނެވި އެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލުމުގެ ކުށުގައި ރައީސް އަލީ ބޮންގޯގެ ދަރިކަލުން ނޫރައްދީން ބޮންގޯ ވެލަންޓީން އަދި ގާނޫންހަދާ މަޖިލީހުގެ ރައީސް ރިޗާޑް އޮގަސްޓީން ވަނީ ހައްޔަރުކޮށްފަ އެވެ.

ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ގެބޯންގެ ބަޣާވާތް ކުށްވެރިކުރި ނަމަވެސް، އަސްކަރިއްޔާއިން ބުނަނީ އަލީ ބޮންގޯގެ ވެރިކަށް މިހާރު އޮތީ ނިމިފައި ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ ހަމަނުޖެހުންތައް ހިނގަން ފެށުމުން ސަރުކާރުން ވަނީ އިންޓަނެޓް ކަނޑާލާފަ އެވެ. ނަމަވެސް، އެންގުއޭމާގެ އަމުރަށް މިހާރު ވަނީ އިންޓަނެޓް ދީފަ އެވެ.

ބައިނަލްއަގްވާމީ ޓީވީ، ރޭޑިއޯ އަދި ސޯޝަލް މީޑިއާތަކަށް ފުރުސަތު ދިނުމަށް ވެސް އެންގުއޭމާ ވަނީ އަމުރުކުރައްވާފަ އެވެ.

ގެބޯންގައި ވެރިކަން ދެމެހެއްޓުމަށް އަސްކަރިއްޔާ އާއި ރިޔާސީ ގާޑުން ހިމެނޭ ގޮތުން އެ ގައުމުގެ ސަލާމަތީ ހުރިހާ ބާއެއް އެކުވެގެން މިހާރު އޮތީ ވަކި ޓީމެއް އުފައްދާފަ އެވެ. މި ޓީމުގެ ބޭނުމަކީ ގައުމަށް ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށް މަގުފަހިކުރުވުން ކަމަށް ވެސް ބާޣީން ބުނެ އެވެ.

ޖެނެރަލް ބްރައިސް އޮލިގުއީ އެންގުއޭމާގެ އަމުރަށް މިހާރު ވަނީ ގާނޫން އަސާސީއަށް އަމަލުކުރުން ހުއްޓުވާފަ އެވެ. އަދި ކުރިން އޮތް ސަރުކާރު އުވާލައި -- އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ޚަބަރުތައް ބުނެ އެވެ.