ވޯލްޑް ބޭންކް

ޓެކްސް ބޮޑުކުރުން އަވަސްކުރަން ޖެހޭ: ވޯލްޑް ބޭންކް

ވީހާވެސް އަވަހަށް ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުގެ ރާއްޖެ، ސްރީލަންކާ އަދި ނޭޕާލުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރުވޯސް ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން އޮކްޓޫބަރު ހަވަނަ ދުވަހު ނެރުނު ރިޕޯޓެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ފާރިސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ދިވެހި ދައުލަތުގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ.

ޓެކްސް ބޮޑުކުރުން އަވަސްކުރުމަކީ އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފާރިސް އެހެން ވިދާޅުވިއިރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއްވެސް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ އަދި އަންގާރަ ދުވަހުގެ ޖަލްސާގައިވެސް ބިލު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް ނާހައި މަޖިލިސް ވަނީ ނިންމާލާފަ އެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.