ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ރާއްޖެއަށް އެއް ބިލިއަން ރުފިޔާގެ އެހީ

ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަދި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީވުމުގެ ގޮތުން ރާއްޖެއަށް 67.8 މިލިއަން ޑޮލަރު -- އެއް ބިލިއަން ރުފިޔާގެ އެހީއެއް ވޯލްޑް ބޭންކުން ދީފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ވަނީ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިރަސްމިއްޔާތުގައި ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވޯލްޑް ބޭންކުގެ އެހީގެ ތެރެއިން 50 މިލިއަން ޑޮލަރު -- 814 މިލިއަން ރުފިޔާ ހޭދަކުރާނީ މަސްވެރިކަމާ ގުޅޭ މަސައްކަތްތަކަކަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މަދުވެގެން 40،000 މީހުން ތަމްރީނުކުރަން ނިންމާފައިވަނީ ޕްރޮޖެކްޓުން ޑޭޓާ ހޯދައި ދިރާސާތައްކޮށް އެ މައުލޫމާތު ހިއްސާކުރުމުަށްފަހު ސަރަހައްދީ ގުޅުން ބަދަހިކޮށް މަސްވެރިކަމުގެ ސިނާއަތް ބަލަހައްޓައި ރައްކާތެރިކުރުމުގައި ގާބިލުކަން އިތުރުކުރުމަށެވެ. އަދި ވިޔަފާރީގެ ވާދަވެރިކަމަށް ހުރި ހުރަސްތައް ނައްތާލާ މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުމަށެވެ. މި ޕޮޖެކްޓް ހިންގަން ހަމަޖެހިފައިވަނީ އިންޑިއަން އޯޝަން ކޮމިޝަނާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެންނެވެ.

ވޯލްޑް ބޭންކުގެ އެހީގެ ތެރެއިން 15 މިލިއަން ޑޮލަރު -- 231 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހޮވާލެވޭ އަމިއްލަ ވިޔަފާރިތަކަކަށް އެހީވުމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ޑިޖިޓަލް ވަސީލަތް މެދުވެރިކޮށް ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކަށް ލޯނު ހޯދަން ފަސޭހަވެގެންދާނެ އެވެ. މި ޕްޖެކްޓްގެ އަމާޒަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، އިގްތިސާދު ޑައިވާސިފައި ކުރުމަށް އެހީތެރިވުމެވެ.