ވޯލްޑް ބޭންކް

ސަރަހައްދުގައި އެންމެ ހަލުވިކަމާއެކު ކުރި އަރަނީ ރާއްޖޭގެ އިގުތިސާދު

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު އިގުތިސާދު ކުރިއަރާ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިއަދު އާންމުކުރި މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އެޕްރީލް 2023ގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އިގުތިސާދު ވަރުގަދަކޮށް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ކެޕިޓަލް ހަރަދު އަދި އަމިއްލަ ފަރާތްތަކުގެ ހަރަދު އިތުރުވުމެވެ.

މީގެ އިތުރުން ފަގީރުންގެ އަދަދު ދަށަށްދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެގޮތުން ކޮވިޑް-19ގެ ކުރިން ހުރި މިންވަރަށް ފަގީރުންގެ އަދަދު ދަށަށްދާނެކަމަށް ލަފާކޮށްފައިވެ އެވެ.

އެމްޑީޔޫ ލޯންޗުކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް މަނާރަތު ދެއްކެވި ވާހަކައިގައި ވަނީ ސަރުކާރުގެ ހަރުދަނާ މާލީ އިސްލާހީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

މާލީ ދެމެހެއްޓެނިވިކަން ހޯދުމަށްޓަކައި މި އިސްލާހުތަކުގެ ތެރެއިން މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތަކަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ޑެޕިއުޓީ މިނިސްޓަރު މަނާރަތު ދެއްވި އެވެ.

މަނާރަތު ދެއްކެވި ވާހަކައިގައި ވަނީ އިގުތިސާދަށް ބަދަލު ގެނެސްދޭނެ މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ މުހިންމު ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އިހަވަންދިއްޕޮޅު ބަނދަރާއި ހަންކެޑޭގެ އިންގަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު ފާހަގަކުރެއްވި އެވެ.

އެމްޑީޔޫ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވަނީ އާސަންދަ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކުރައްވާފަ އެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި ރެވެނިއު ސައިޑް ކޮންސޮލިޑޭޝަންގެ ފުރަތަމަ އަމާޒަކީ ތިން ޕަސެންޓެވެ. ނަމަވެސް ފަތުރުވެރިކަން އަންދާޒާކުރި ވަރަށްވުރެ ކުރި އަރައިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އާބާދީއަށް ބަދަލުތަކާއެކު އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވާއިރު އެކަމަށް މިހާރުން ފެށިގެން ތައްޔާރުވުމުގެ މުހިންމުކަމަށް ސަރުވަޝް އަލިއަޅުއްވާލެއްވި އެވެ.