ސޫދާން

ސޫދާންގައި ކުއްލި ނުރައްކާ އިއުލާންކޮށް ސަރުކާރު އުވާލައިފި

ސޫދާންގައި މިވަގުތު އޮތް ހާލަތަށް އަވަސް ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. ސިފައިން ހޯމަ ދުވަހު ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށް މަދަނީ ވެރިކަށް ވައްޓާލުމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުން ތަކުން އަރާތީ ފެންނަނީ އޮލަ ދުމެވެ.

ސޫދާނުގައި މިހާރު ވެރިކަންކުރަނީ އަސްކަރީ ކައުންސިލަކުންނެވެ. ވެރިކަމުގައި ހުންނެވީ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން އެވެ. ޚަބަރުތައް ބުނާ ގޮތުން އޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި އިންތިގާލީ ކައުންސިލާއި ސަރުކާރު ވެސް އުވާލައްވާފަ އެވެ.

އަސްކަރިއްޔާއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ ބޮޑުވަޒީރުގެ އިތުރުން މަދަނީ ސަރުކާރުގައި ހިމެނޭ ވަޒީރުންގެ ތެރެއިން އަސްކަރީ އިންގިލާބަކަށް ތާއީދުނުކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުން ހައްޔަރު ކުރުމަށް ފަހު އެވެ.

ބުރުހާން ޓީވީ މެދުވެރިކޮށް ވަނީ ގައުމާ މުޚާތަބު ކުރައްވާފަ އެވެ. އަދި އަސްކަރީ ކައުންސިލް ހަރަކާތްތެރިވާ ގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ހުންނެވީ ބަންދުގައި ކަމަށާއި ގައުމުގައި ކުއްލި ނުރައްކާ އިއުލާން ކުރައްވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މިހާރު ވެރިކަން ކުރައްވަނީ އަބްދުﷲ ހަމްދޫކް ނޫން ކަމަށެވެ. އަދި އިންތިގާލީ ކައުންސިލުން ބަލަހައްޓަމުން ގެންދިއަ ހުރިހާ ބާރުތަކެއް އޮތީ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ސޫދާނުގައި ސިޔާސީ މަޝްރަހު ބަދަލުވާ ގޮތް ތާފްސީލުކުރާ ދުސްތޫރީ ލިއެކިއުންތަކުގެ ބައެއް މާއްދާތަކަށް އަމަލުކުުރުން ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ކަން ބުރުހާން އިއުލާން ކުރެއްވި އެވެ.

ސޫދާންގެ އިންފޮމޭޝަން މިނިސްޓްރީން ބުނި ގޮތުން ސިފައިން ބޮޑުވަޒީރު ހައްޔަރުކުރި ސަބަބަކީ އަސްކަރީ ބަޣާވާތައް ދެކޮޅު ހެއްދުވުމުންނެވެ.

އަސްކަރިއްޔާއިން ވެރިކަން ވައްޓާލުމާ ހަމައަށް ސޫދާނުގައި ވެރިކަން ކުރަމުން ދިޔައީ އަސްކަރިއްޔާ އާއި މަދަނީ އޮފިޝަލުންގެ މެދުގައި އުފައްދާފައި އޮތް އިންތިގާލީ ކައުންސިލަކުންނެވެ. އާންމު އިންތިހާބު ބާއްވަން މަޝްވަރާކުރެވި ހަމަޖައްސާފައި އޮތީ 2023 ގައެވެ.