މިއަންމާގައި އަސްކަރީ ބަޣާވާތަކުން މަގާމުން ދުރު ކޮށްފައިވާ މަދަނީ ސަރުކާރުގެ ވެރިޔާ އަން ސަން ސޫކީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރުމަށް ފަހު އެ މުއްދަތު ލުއި ކޮށްފި އެވެ.
ސޫކީ ޖަލަށް ލުމަކީ ވަރަށް ބޮޑަށް ރާވައިގެން އަދި ސިޔާސީ ފިކުރުގައި ކުރި ކަމެއް ކަމަށް އދ. އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ ބުނެފަ އެވެ. ސޫކީއަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމާ މެދު މުޅި ދުނިޔެ ފާޑު ކިޔަމުން ދަނިކޮށް އަސްކަރިއްޔާއިން މުއްދަތު ކުރުކުރީ އެވެ.
އަސްކަރީ ވެރިން ހިންގާ ކޯޓަކުން ސޫކީ ޖަލަށް ލާން ހުކުމް ކޮށްފައި މިވަނީ ބަޣާވާތަށް ފަހު އޭނާގެ މައްޗަށް އުފުލި ދައުވާތަކާ ވެސް ފުށުއަރާ ގޮތަށެވެ. ކޮވިޑް ގަވާއިދުތަކާ ޚިލާފުވި ކަމަށް ބުނެ އަދި ގައުމުގައި ފިތުނަ އުފައްދަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ.
މިއަންމާގެ އަސްކަރިއްޔާއިން ސޫކީގެ މަދަނީ ސަރުކާރު ވައްޓާލީ މިއަހަރު ފެބްރުއަރީ އެކެއްގަ އެވެ. އެއަށް ފަހު ގައުމުގައި ވެރިކަން ކުރަމުން ގެންދަނީ އަސްކަރިއްޔާއިން އުފައްދާފައި އޮތް ކައުންސިލަކުންނެވެ.
އަސްކަރިއްޔާއިން ގައުމު ހިންގުމާ ދެކޮޅަށް މިއަންމާގެ މަގުތަކަށް އާންމުން ނުކުމެ ހިންގި ހަރަކާތްތަކުގައި ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ބުނެ އެވެ.
ސޫކީ މަގާމުން ދުރުކުރުމަށް ފަހު ގޭބަންދުގައި ބަހައްޓައިގެން ހިންގާ ޝަރީއަތް ބަލައި ނުގަންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން އޮތީ ބުނެފަ އެވެ. އަނެއްކޮޅުން އޭނާގެ ވަކީލުންނަށް ބައިނަލްއަގުވާމީ ޚަބަރު އޭޖެންސިތަކަށް މައުލޫމާތު ދިނުން ވެސް އޮތީ މަނާ ކޮށްފަ އެވެ.
ސޫކިއާ އެކު އޭނާގެ ސަރުކާރުގެ ވެރިންނަށް ވެސް އަސްކަރީ ކޯޓުން ދައުވާ އުފުލައި ގެންދަނީ މައްސަލަތައް ބަލަމުންނެވެ.