ދުނިޔެ

އަންގް ސަން ސޫކީ ގޭބަންދަށް ބަދަލު ކުރެވިދާނެ: އަސްކަރީ ލީޑަރު

މިއަންމާގައި އަސްކަރިއްޔާއިން ގަދަބާރުން ވެރިކަމުން ދުރުކޮށްފައި ހުންނެވި އަންގް ސަން ސޫކީއަށް މިހާތަށް އިއްވާފައި އޮތް 17 އަހަރުގެ ޖަލު ހުކުމް ގޭބަންދަން ބަދަލުކުރުމާ މެދު ގޮތެއް ނިންމިދާނެ ކަމަށް އަސްކަރީ ބާގީ ލީޑަރުން ބުނެފި އެވެ.

މިއަންމާގައި އަސްކަރިއްޔާއިން ވެރިކަން ޖަހައިގަނެ މަދަނީ ލީޑަރު، ސޫކީއަށް ޚިޔާނާތާއި މަގާމުގެ ފައިދާ ނާޖާއިޒު ގޮތުގައި ހިއްޕެވި ކަމަށް އަސްކަރީ ކޯޓުތަކުން ވަނީ ނިންމާފަ އެވެ.

ސޫކީ، 77، ޖަލުގައި ބަންދުކޮށް ބަހައްޓާފައި ހުންނަނީ ވަރަށް އެކަނިވެރިކޮށް ކަމަށް ބުނެވެ އެވެ. އިންސާފުވެރި ޝަރީއަތަކުން މަހުރޫމްކޮށް ނުވީތަނަށް އެ ކަމަނާގެ ވަކީލުންނާ ބައްދަލު ކުރެއްވުމަށް ވެސް ފުރުސަތު ނުދޭ ކަމަށް ވެއެވެ.

އަސްކަރީ ލީޑަރު އައުން ހުލައިން ވިދާޅުވި ގޮތުގައި ސޫކީއަށް ހުރި މައްސަލަތަކަށް ކޯޓުން ގޮތެއް ނިންމުމުން ގޭބަންދަން ބަދަލުކުރުމާ މެދު ގޮތެއް ނިންމަވާނެ އެވެ.

އޭނާ އަދި ވިދާޅުވީ ސޫކީއަށް އޮތް 18 މައްސަލައެއް ކޯޓުން ބަލަމުން ގެންދާ ކަމަށެވެ. މައްސަލަތައް ބެލުމުގައި ސޫކީއާ މެދު އިހުސާންތެރިވާ ކަމަށް ވެސް އަސްކަރީ ލީޑާރު ވިދާޅުވި އެވެ.

އައުން ހުލައިން ވިދާޅުވި ގޮތުގައި ސޫކީއަށް އިއްވިދާނެ އިތުރު މައްސަލަތައް ވެސް އެބަ ހުއްޓެވެ. އެެހެން ނަމަވެސް، އަސްކަރިއްޔާއިން ބަލަނީ ވީހާވެސް ކުޑަގޮތެއް ހެދޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

އދ. އޮފިޝަލުން މިދާކަށް ދުވަހު މިއަންމާއަށް ކުރެއްވި ޒިޔާރަތެއްގައި ސޫކީ ގެއަށް ބަދަލުކުރުމާ ބެހޭ ގޮތުން އަސްކަރިއްޔާއާ މަޝްވަރާ ކުރެއްވި އެވެ. އަސްކަރީ ލީޑަރުގެ ބަސްމަގު މިގޮތަށް ބަދަލުކުރައްވާފައި މިވަނީ އެ މަޝްވަރާތަކަށް ފަހު އެވެ.