ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިޒްރޭލުގެ ޖޫޑިޝަރީ -- ޝަރުއީ ނިޒާމު އިސްލާހުކުރަން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުމަށް އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގެންދާތާ 27 ހަފުތާ ވަނީ އެވެ.
އެކަމަކު ސަރުކާރު އަދިވެސް އޮތީ އާންމުންނަށް ދޫދޭ ގޮތަކަށް ނޫނެވެ.
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އާންމުން ކިތަންމެ ވަރަކަށް މަގުތަކަށް ނުކުތް ނަމަވެސް، ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.
އިޒްރޭލުގެ ޗެނަލް 13 އިން ބުނާ ގޮތުން ވެރިރަށް ތެލްއަވީވްގެ މަގުތަކަށް 140،000 މީހުން ޖަމާވެފައިވާ ކަމަށެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގައި މާދަމާ މިބިލަށް ބަހުސްކުރަން ހަމަޖެހިފައިވާތީ ކަމަށް ޓީވީ ޗެނަލުން ބުނެ އެވެ.
އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުން މުޒާހަރާކުރާ މީހުން މިހާރު ވަނީ ގުދުސްއާ ހައިފާ ގުޅުވައިދޭ މައި މަގުތައް ބަންދުކޮށްފަ އެވެ. އަދި ވިޔަފާރި އުޅަނދު ފަހަރު އެންމެ ގިނައިން ދަތުރުކުރާ މަގުތަކުގައި -- މަގުބަންދު ހަރުކޮށް ވަނީ ޓްރެފިކް ހުއްޓުވާފަ އެވެ.
އާންމު ރައްޔިތުންގެ އިތުރުން އިޒްރޭލު ސަރުކާރުގެ ކުރީގެ ވަޒީރުން ވެސް މި މުޒާހަރާތަކުގައި ބައިވެރިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މިގޮތުން އިޒްރޭލުގެ ކުރީގެ ޚާރިޖީ ވަޒީރު ޒިޕީ ލިވްނީ ވެސް ވަނީ މިހާރުގެ ރައީސް އައިސަކް ހަރްޒޮގެ ގަނޑުވަރު ދޮށަށް ވަޑައިގެން މުޒާހަރާކުރާ މީހުންނަށް ތާއިދުކުރައްވާފަ އެވެ.
އާންމުންގެ ތެރޭގައި ތިބި ތަންދޮރު ދަންނަ މީހުން ބުނާ ގޮތުން އިޒްރޭލުގެ ޝަރުއީ ނިޒާމަށް ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބަދަލު ގެންނަނީ އެ މީހުންގެ އަމިއްލަ ފައިދާ އަށެވެ.
ކޯޓުތަކުގެ ބާރުތައް ކުޑަކޮށް -- ކޯޓުތަކުން މީގެ ކުރިން ކުރި ބައެއް މަސައްކަތްތައް ސަރުކާރަށް ނެގުމުގެ ބޭނުމަކީ، ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ސިޔާސީ ލީޑަރުން ކޮށްފައި ހުރި ކުށްތަކުން ރެކުމަށް ހިންގާ ޖަރީމާއެއް ކަމަށް އެމީހުން ބުނެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުކަން ބެންޖަމިން ނަތަންޔާހޫއަށް މިފަހަރު ލިބިވަޑައި ގަތީވެސް، އޭނާއާ ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެ މައްސަލަތައް އަދިވެސް އޮތީ މޭޒުމަތީ ގައެވެ.
ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލޭ ދުވަހަކުން މި މައްސަލަތައް އަލުން ބަލަން ފަށާނެ އެވެ.
މިހެން ކަން އޮތުމުން ކޯޓުތަކުގެ ހިންގުމަށް ސަރުކާރުން ސީދާ ނުފޫޒު ފޯރުވޭ ގޮތަށް -- ގާނޫނުގެ ތެރެއިން ބަދަލުތަކެއް ގެނެވުމަކީ މިފަދައިން ހުރި މައްސަލަތައް އޮއްބާލުމަށް ސިޔާސީ ލީޑަރުންނަށް ވަރަށް ބޮޑު ފުރުސަތަކަށް ވާނެ އެވެ.