ދުނިޔެ

މިޔަންމާގައި 7،000 ގައިދީންނަށް މައާފުދެނީ

މިޔަންމާގެ އަސްކަރީ ސަރުކާރުން 7،012 ގައިދީންނަށް މާފުދެނީ އެވެ. މިއީ އެ ގައުމުގެ މިނިވަން ދުވަހާ ގުޅުވައިގެން އަދި އެމެނެސްޓީން ކުރި މަސައްކަތުން އެ ގައުމުގެ އަސްކަރިއްޔާއިން ދޭ ލުޔެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

މިކަމަށް ބާރުދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައިދީން މިނިވަން ކުރުމުގައި މިޔަންމާއާ އެކު ގާތްކަން ބާއްވާ ގައުމުތަކުން ވެސް އެކުވެރި މަސައްކަތްތަކެއް ކުރި ކަމަށެވެ.

މިޔަންމާ އަކީ މިހާރު ދުނިޔެއިން އެކަހެރިކޮށްފައި އޮންނަ ގައުމެކެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން -- ފެބްރުއަރީ 1، 2021 ގައި މިޔަންމާގައި އޮތް މަދަނީ ސަރުކާރު ވައްޓާލައި އެއިރު ވެރިކަމުގައި ހުންނެވި ލީޑަރު އަންގް ސަން ސޫކީ އަސްކަރިއްޔާއިން ހައްޔަރުކުރުމުގެ ސަބަބުން އެ ގައުމާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕުން ވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

މިޔަންމާގެ މިނިވަންކަމަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އަސްކަރިއްޔާގެ ވެރިއާ، ސީނިއާ ޖެނެރަލް މިންގް އަންގް ލައިންގް ވަނީ -- ބާރުގަދަ ގައުމުތަކުން އެގައުމާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކަށް ބެލުމެއް ނެތި -- މިޔަންމާގެ އަސްކަރީ ސަރުކާރަށް އެއްބާލުން ދިން ގައުމުތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

އަދި ބައެއް ގައުމުތަކުގެ ނަންތައް ވިދާޅުވެ -- ޗައިނާ، އިންޑިއާ ތައިލޭންޑް، ލާއޮސް އަދި ބަންގުލަދޭޝްއާ އެކު އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައިދީން މިނިވަން ކުރެވެނީ އެ މީހުން ކޮށްފައި ހުރި ކުށަށް ބެލުމެއް ނެތި ޖަލުގެ މުއްދަތުގައި އެ މީހުންގެ އަމަލުތައް ހުރި ގޮތަށް ބަލާފައި ކަމަށެވެ.

މިޔަންމާއަށް ހުޅަނގުން ގޮވާލަނީ ޑިމޮކްރަސީ ނެގެހެއްޓުމަށެވެ. އަދި ސިޔާސީ ގޮތުން ހައްޔަރާށް ދާން ޖެހިފައި ތިބި މީހުންނަށް ލުއިދިނުމާ އެކު މިހާރު ވެސް ޖަލުގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށެވެ.

އަސްކަރީ ސަރުކާރުން ބުނާ ގޮތުން ގައުމު ހަމައަކަށް އެޅުމުން މިނިވަން އިންތިހާބެއް ބާއްވާނެ އެވެ. އެކަމަކުވެސް ގާނޫނާ ޚިލާފަށް އަމަލުކޮށްފައި ތިބި މީހުންނަށް އަދަބުދެވޭނެ ކަމަށެވެ.