މިއަންމާގައި އޮތް އަން ސަން ސޫކީގެ މަދަނީ ވެރިކަށް އަސްކަރީ ބަޣާވާތަކުން 2021 ގައި ވައްޓާލުމާ ގުޅިގެން، މިއަންމާއަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި އިޒްރޭލުގެ ދެ ކުންފުންޏަކުން ހަރަކާތްތެރިވި މައްސަލަ ވަރަށް ބޮޑުވެއްޖެ އެވެ.
އިޒްރޭލުގެ އަސްކަރީ ދެ ފާމަކުން -- އިޒްރާއިލް އޭރޯސްޕޭސް އިންޑްސްޓްރީ އަދި އަލްބީތު ސިސްޓަމްސް އިން މިއަންމާއަށް އަސްކަރީ ޓެކްނޮލޮޖީ އާއި ހަތިޔާރު ވިއްކާފައި ވަނީ އދ އިން ކަނޑައަޅާފައި އޮންނަ މިންގަޑާ ޚިލާފަށް އަދި ދުނިޔޭގައި ސުލްހްއަށް ގާއިމުކޮށްފައި ހުރި މުއާހަދާތަކާވެސް ޚިލާފަށް -- ވަގަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ މި ދެފާމުން 2022 ލައިގަތުމާ ހަމައަށް މިއަންމާއަށް އަސްކަރީ ގޮތުން ވަރަށް ބޮޑެތި އެހީތެރިކަން ވަނީ ފޯރުކޮށްދީފަ ފެވެ.
އިޒްރޭލުގައި އުދައްދާ ބަރު ހަތިޔާރު -- އޭގެ ތެރޭގައި ޓޭންކާއި ބޮޑުބަޑި އަދި ހަނގުރާމައިގެ މައިދާނަށް ޚާއްސަ އުޅަނދުފަހަރު ވިއްކާ ކަމަށް ބުނެ މީގެ ކުރިން ވެސް ރިޕޯޓްތަކެއް އޮތީ ފެތުރިފަ އެވެ.
އިޒްރޭލުގައި ހަރަކާތްތެރިވާ މި ދެ ފާމުން ވެސް މިއަންމާއަށް އާދި އެއް ބާވަތެއްގެ ހަތިޔާރު ވިއްކާފައިވާ ކަމުގެ ހެކިތައް ބައިނަލްއަގްވާމީ މުއްސަސާތަކަށް ލިބިފައި ވާއިރު، އޮތް ބޮޑު ސުވާލަކީ ހަނގުރާމައިގެ މައިދާނެއް ނެތް ގައުމަކުން މި ފަދަ ހަތިޔާރު ހޯދުމުގެ ބޭނުމަކީ ކޮބައިބާ އެވެ.
އަން ސަން ސޫކީގެ ވެރިކަން އަސްކަރީ ޖެނެރަލުންގެ ބަޔަކު އެކުވެގެން ވައްޓާލައި މިއަންމާގައި މިނިވަން އިންތިޚާބެއް -- ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ބާއްވާނެ ކަމަށް އެއިރު ބުނި ނަމަވެސް، ވެރިކަމުގައި ތިބި ޖެނެރަލުން މިކަން ކުރާކަށް އަދި ބޭނުމެއް ނުވެ އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަންމާއަށް ހުރި ފިއްތުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެ ކަމުގެ އުންމީދުގައި، އިންތިޚާބާ ބެހޭ މައުލޫތައް ހުޅުވާލުން ފިޔަވައި އަމަލީ ގޮތުން އެއްވެސް ކަމެއް ކުރާތީ އަދި ނުފެނެ އެވެ.
މިއަންމާ އިން ހޯދާ ހަތިޔާރާ ބެހޭ ގޮތުން ދުނިޔެއަށް އޮތް ސުވާލަކީ، މިއަންމާއަށް ހަތިޔާރު ވިއްކުމުގައި އިޒްރޭލުގެ އޮތް ނިޔަތެވެ. އިގުތިސާދީ ގޮތުން ތަނަވަސްކަމެއް ލިބުމުގެ އިތުރުން އިޒްރޭލަށް އޮތް ސީދާ ފައިދާއެއް ފެންނާކަށް ނެތެވެ.
އަނެއްކޮޅުން، އެ ފަދަ ބަރު ހަތިޔާރުތަކެއް ހޯދައިގެން މިއަންމާއިން ކުރާނެ ކަމެއް ވެސް ނެތެވެ. މިއަންމާގެ ސަރުކާރަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ގައުމުގެ ރައްޔިތުންނެވެ. އާންމުން ކޮންޓްރޯލް ކުރުމަށް ބަރު ހަތިޔާރުގެ ނަން ވެސް ގަންނާކަށް ނުޖެހެ އެވެ.