ދުނިޔެ

ނައިޖަރަށް އަސްކަރީ ބަޣާވާތެއް، ރައީސް އަސްކަރިއްޔާގެ ހިމާޔަތުގައި

ނައިޖަރުގެ އަސްކަރިއްޔާއިން ޓީވީއަށް އަރައި، އަސްކަރީ ބަޣާވާތެއްގައި ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކޮށްފިކަން އިއުލާންކޮށްފި އެވެ.

އަސްކަރިއްޔާގެ ފަރާތުން ކާނަލް މޭޖާ އަމަދޫ އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ރައީސް މަގާމުން ދުރުކުރެއްވީ މުހުލަތެއް ދެއްވުމަށް ފަހު އެ ގޮތަށް އަމަލު ނުކުރެއްވުމެވެ.

އަމަދޫ ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު ބަދަލުކުރަން ޖެހުނީ ގައުމުގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށް ވެރިކަމުގެ ފަރާތުން އެއްވެސް މަސައްކަތެއް ރާވައި އަދި ކޮށްފައި ވެސް ނުވާތީ އެވެ.

ނައިޖާއަށް ބަޣާވާތް ގެނެފައި މިވަނީ ރިޔާސީ ގާޑުންނާއި ސިފައިން ގުޅިގެންނެވެ. ސަބަބެއް ކަމަށް ވަނީ ރިޔާސީ ގާޑުންގެ ކޮމާންޑަރު ޖެނެރަލް އުމަރު ތަޝްޔާނީ މަގާމުން ދުރުކުރެއްވުމަށް ބަޒޫމް މަސައްކަތްކުރެއްވުމެވެ.

އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ނައިޖަރު ގެންދިއުމުގައި ބޭރު ގައުމެއްގެ އެއްވެސް އެހީތެރިކަމެއް ނޯންނާނެ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެ އެވެ.

ނައިޖަރުގައި މިހާރު އޮތީ އެމެޖެންސީ ހާލަތުގަ އެވެ. ބޯޑަރުތައް ބަންދުކޮށް ކާފިއު ވެސް ހިންގާފަ އެވެ.

ޓީވީ މެދުވެރިކޮށް އަސްކަރިއްޔާގެ ވެރިން ދިން ބަޔާނުގައި، ގާނޫން އަސާސީއަށް އަމަލުކުރުން މި ވަގުތަށް ހުއްޓުވާފައި އޮތް ކަމަށް ބުންޏެވެ. އަދި ސަރުކާރުގެ އެއްވެސް އިދާރާއެއް ހުޅުވައި -- ވަކި ގޮތަކަށް އަމަލުކުރަން އަންގަންދެން -- ޚިދުމަތް ދިނުން އޮތީ މަނާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުހައްމަދު ބަޒޫމްއާ ރިޔާސީ ގާޑުންގެ ވެރިންނާ ދެމެދު ކުރެވުނު މަޝްވަރާތައް ކޮޅެއްގައި ނުޖެހުމުން -- ރިޔާސީ ގަނޑުވަރު މިހާރު ހުރީ ބަންދުކޮށްފަ އެވެ. އަދި ބަޒޫމަށް ވަނީ ވެރިރަށް ނިއާމުން ބޭރަށް ވަޑައިގަތުން މަނާކޮށްފަ އެވެ.

ނައިޖާ އަކީ އެފްރިކާ ބައްރުގައި އޮންނަ -- ނައިޖީރިއާ، ޗާޑް، މާލީ، ލީބިޔާ އަދި ބުރުކިނާފޯސޯގެ އަވައްޓެރި އެކެވެ. މިއީ އެފްރިކާއަށް ނިސްބަތްވާ އެންމެ ފަގީރު ގައުމުތަކުން ގައުމެކެވެ.

ފަރަންސޭސި އިސްތިއުމާރީ ބާރުގެ ދަށުން މިނިވަންވެ ނައިޖަރު އަމިއްލަ ވެރިކަމަކަށް ދީއްލާލީ 1960 ގައެވެ. އެހެން ނަމަވެސް، މިއީ ދާޚިލީ ހަމަނުޖެހުން ވަރަށް ބޮޑު ގައުމެކެވެ.

ނައިޖަރުގެ އާބާދީ އަކީ 25 މިލިއަނެވެ. އާބާދިގެ 80 ޕަސެންޓަނީ ސުންނީ މުސްލިމުންނެވެ.

ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމަށް ވަޑައިގަތީ ފެބްރުއަރީ 2021 ގައި އެ ގައުމުގައި އޮތް އިންތިޚާބުން 55 ޕަސެންޓް ހޯއްދަވައިގެންނެވެ.