ދުނިޔެ

ސޫދާންގައި އިންގިތާލީ ކައުސިލެއް އުފައްދައިފި

ސޫދާންގައި ވެރިކަންކުރުމަށް އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން ބުރާސްފަތި ދުވަހު އަސްކަރީ ގަރާރަކުން އިންތިގާލީ ކައުންސިލެއް އުފައްދަވައި، އެކައުންސިލްގެ ޗެއާމަންގެ މަގާމަށް އަމިއްލަ އަށް އައްޔަންވެ ވަޑައިގެންފި އެވެ.

ސޫދާންގައި ކުރިން އޮތް ކައުންސިލުން އަލްބުރުހާން އާއި އޭނާގެ ނައިބު، ހަމީތީގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު ހަމްދާން ދަގާލޯއަށް އޮތް ހައިސިއްޔަތު، އަލަން އުފެއްދި ކައުންސިލްގައި ވެސް ދެމިއޮންނާނެ އެވެ.

އަސްކަރީ އަމުރަކުން ބުރުހާން އުފެއްދެވި ކައުންސިލުން ފުރުސަތުދިން މީހުންގެ ތެރޭގައި ކުރިން އޮތް އިންތިގާލީ ކައުންސިލްގައި ހިމެނުނު މެމްބަރުން ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ސޫދާންގެ ހުރިހާ ސަރަހައްދަކުން އަދި މެމްބަރުން ކަނޑައަޅައި ނުނިމެ އެވެ.

އަސްކަރިއްޔާއިން ހިންގާ ކައުންސިލެއް ބަލައި ނުގަންނާނެ ކަމަށް ބުނެ އާންމުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ އަޑުގަދަކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އެމީހުން ދޭން ބޭނުންވި މެސެޖަކީ އިސްތިއުމާރީ ކައުންސިލެއް އެކުލަވާލައި އިސްތިއުމާރީ ވެރިކަމެއް ގަބޫލުނުކުރާނެ ކަމެވެ.

އެހެން ނަމަވެސް، ދެކޮޅުހެދުން ތަކާއެކު ވެސް ކައުންސިލްގެ ވެރިޔަކަށް އަލްބުރުހާން ވަނީ ހުވާކުރައްވައި މަގާމާ ހަވާލުވެ ވަޑައިގެންފަ އެވެ.

ސޫދާންގައި އޮކްޓޯބަރު 25 ވަނަ ދުވަހު އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލައި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ގޭގައި ބަންދުކުރި އެވެ. އެއަށް ފަހު ޖެނެރަލް އަލް ބުރްހާން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައި ހުރިހާ ބާރެއް އޭނާގެ ދަށަށް ގެންނެވި އެވެ.

އަސްކަރިއްޔާގެ ބާރުގެ ދަށަށް ސޫދާނު ގެންދިއުމުގެ ކުރިން ސޫދާނުގެ ވެރިކަން ބަލަހައްޓަމުން ގެންދިޔައީ އަސްކަރިއްޔާ އާއި ފޯސަސް ފޮ ފްރީޑަމް އެންޑް ޗޭންޖް ކޯލިޝަނާ ދެމެދު ވެވުނު އެއްބަސްވުމެއް ދަށުންނެވެ.

އެއީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވެންދެންނެވެ. މިއެއްބަސްވުމުގެ ދަށުން އުފެއްދި ކައުންސިލްގައި ވެސް އަސްކަރީ އަދި މަދަނީ އޮފިޝަލުން ހިމެނެ އެވެ.