ދުނިޔެ

ސަރުކާރާ ހަވާލުވާން ޝަރުތުތަކެއް އެބަހުރި: ހަމްދޫކް

ސޫދާންގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި ގެނައި ބަޣާވާތެއްގައި ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު، އަބްދުﷲ ހަމްދޫކް އަލުން މަގާމަށް ގެނައުމަށް މަޝްވަރާ ކުރެވެމުން އެބަ ދެ އެވެ. ހަމްދޫކް ވިދާޅުވި ކަމަށް ޚަބަރުތައް ބުނަނީ ބޮޑުވަޒީރުކަމާ އަޅުން ހަވާލުވެ ވަޑައިގެންނެވެން އޮތީ ގައުމު ކުރިން އޮތް ހާލަތަށް ރުޖޫއަ ކުރުމުން ކަމަށެވެ.

އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ ހަވާލުވެ ވަޑައިގެންނެވެން ނެތް ކަމަށް ހަމްދޫކް ވިދާޅުވި ކަމަށް ވެއެވެ. އޭނާގެ ސަރުކާރުގެ ކެބިނެޓް ކުރިން އޮތް ގޮތަށް އޮންނަ ގޮތަށް އަސްކަރިއްޔާއިން އެއްބަސް ނުވާ ނަމަ ބޮޑުވަޒީރުކަމާ މެދު ގޮތެއް ނިންމަވަން ދަތިފުޅު ކަމަށް ހަމްދޫކް ވިދާޅުވި ކަމަށް ޚަބަރުތައް ބުނެ އެވެ.

އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާންގެ އަމުރަށް ގެނައި ބަޣާވާތުގައި ވެރިކަން ވައްޓާލައި ބޮޑުވަޒީރު ގޭބަންދުކޮށް ކެބިނެޓް މިނިސްޓަރުން ވެސް ތިއްބެވީ ސިފައިންގެ ބަންދުގަ އެވެ.

ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާންއަށް ހީފުޅުވެ ވަޑައިގެންފައި އޮތީ އަސްކަރީ ބަޣާވާތަކުން ވެރިކަން ވައްޓާލައި ގަދަބާރުން ގޮނޑިއަށް ވަޑައިގަތުން ދުނިޔެ ގަބޫލު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ކަންހިނގަމުން ދަނީ މުޅިން އިދިކޮޅަށެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ސޫދާންގެ އަސްކަރިއްޔާއަށް ގޮވާލަމުން ދަނީ ހަމްދޫކުގެ ވެރިކަން ރުޖޫއަ ކުރުމަށެވެ. އެނޫން ގޮތެއްގައި އަސްކަރިއްޔާއަށް އޮތީ ދަތިކުރުންތަކާ ކުރިމަތިލުން ކަމަށެވެ. އަނެއްކޮޅުން މާލީ އިދާރާތަކާއި ބޭނުންކްތަކުން ސޫދާންއަށް ދޭންހުރި އެހީ ވަނީ ހިފަހައްޓާާފަ އެވެ.

އަސްކަރިއްޔާ އާއި ހަމްދޫކްއާ ދެމެދު ކުރެވުނު މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބިފައިވާ ކަމަށް ބައެއް ނޫސް އެޖޭންސީތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެހެން ނަމަވެސް ހަމްދޫކްއާ ވަރަށް ގާތް މަސްދަރަކުން ބުދަ ދުވަހު ބުނީ އޭނާ އާއި އަސްކަރީ ލީޑަރުންނާ ދެމެދު އެއްވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.