ސޫދާންގައި ވެރިކަމުން ދުރުކޮށް ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ކުރީގެ ރައީސް އުމަރު އަލްބަޝީރު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އާ ހަވާލު ކުރަން އެ ގައުމުން ނިންމައިފި އެވެ. އަލްބަޝީރު ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް އައިސީސީއާ ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އުމަރު އަލްބަޝީރު 77، ސޫދާގައި 29 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރައްވާފައި ވެއެވެ. އޭނާ 1989 ގައި ބޮޑުވަޒީރު ސޯދިގު އަލްމަހުދީގެ ސަރުކާރު ވައްޓާލުމަށް ފަހު ސޫދާންގެ ވެރިކަމަށް ވަޑައިގަތީ ބަޣާވާތަކުންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުތެ ތެރޭގަައި ވެރިކަމަށް ވަޑައިގެންވި ގޮތް ތަހުގީގު ކުރުން ވެސް ހިމެނެ އެވެ.
އަލްބަޝީރުގެ ވެރިކަން އަސްކަރިއްޔާއިން ވައްޓާލީ އޭޕްރީލް 2019 ގައެވެ. އެއަށް ފަހު އޭނާ ހުންނެވީ ޖަލުގަ އެވެ. ކޮރަޕްޝަނާއި ގަތުލުއާންމާއި ގޮތް ނޭނގޭ އެތައް މަރުތަކަކާ ބެހޭ ގޮތުން ބަޝީރުއާ އަންނަނީ ސުވާލު ކުރަމުންނެވެ.
ބަޝީރަށް އުފުލާފައި ހުރި ދައުވާތަކުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުންގެ ގަޔަށް ފުލުހުން ބަޑުޖެހުން ހިމެނެ އެވެ. އަދި ސޫދާންގެ ދާފޫރުގައި ހިންގާފައިވާ ގަތުލުއާންމުގެ ހަގީގަތް އޭނާގެ ކިބައިން އޮޅުން ފިލުވުން ވެސް ހިމެނެ އެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ދާފުރުގައި ތިންލައްކައަށް ވުރެ ގިނަ މީހުން މަރާފައިވެ އެވެ.
ބަޝީރާ ބެހޭ ގޮތުން އައިސީސީއަށް ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތެރޭގައި ވެސް ގަތުލުއާންމާއި ކޮރަޕްޝަނާ ފަސާދަ ހިމެނެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމެއް އިއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެވެ އެވެ.