ދުނިޔެ

ސޫދާންގެ އަސްކަރިއްޔާއިން މަދަނީ ވަޒީރުން މިނިވަންކުރަނީ

ސޫދާންގައި ވެރިކަމުން ދުރުކޮށްފައިވާ އަބްދްالله ހަމްދޫކްގެ ސަރުކާރުގެ އާންމު ހަތަރު މެމްބަރަކު މިނިވަން ކުރުމަށް އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހް އަލް ބުރްހާން ބުރާސްފަތި ދުވަހު އަމުރު ކުރައްވައިފި އެވެ.

އަސްކަރިއްޔާއިން ހަމްދޫކުގެ ވެރިކަން ވައްޓާލުމާ ގުޅިގެން ދުނިޔެއިން ކުރިމަތިވަމުން އަންނަ ޕްރެޝަރަށް ޖެނެރަލް ބުރުހާން އުޅުއްވަނީ ބިރުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އަސްކަރިއްޔާއިން ގެނައި ބަޣާވާތާ ގުޅިގެން އެގައުމުގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. މަޝްރަހު ބޮޑަށް ނުތަނަވަސްގެން ދިޔައީ ބޮޑުވަޒީރު ހަމްދޫކް ގޭބަންދު ކުރުމާ ގުޅިގެންނެވެ.

މަޝްރަހު ފިނިކުރުމަށްޓަކައި އދ. އިން ގެންދަނީ އަސްކަރިއްޔާ އާއި ހަމްދޫކްއާ ދެމެދު މަޝްވަރާތައް ބާއްވަމުންނެވެ.

އދ. އިން ސޫދާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ވިދާޅުވި ގޮތުގައި ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު އަލުން ވެރިކަމަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.

ސަފީރު ވިދާޅުވީ ބާރުތައް ހިއްސާކުރުމުގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށާއި އެކަމަކު ދެ ފަރާތުން ވެސް އިޚުތިޔާރުކުރަނީ ހަރުކަށިވުމުގެ ސިޔާސަތު ކަމަށެވެ.

ހަމްދޫކް ކުރިން ވިދާޅުވެފައި އޮތީ އެއްވެސް ޝަރުތަކާ ނުލައި ސަރުކާރާ ހަވާލުވެ ވަޑައިގެންނެވެން ނެތް ކަމަށެވެ. އޭނާގެ ސަރުކާރުގެ ކެބިނެޓް ކުރިން އޮތް ގޮތަށް ރުޖޫއަކުރުމުން މެނުވީ ބޮޑުވަޒީރު ކަމާ މެދު ގޮތެއް ނިންމަވަން ދަތިފުޅު ކަމަށް އޭނާ ވިދާޅުވި އެވެ.