އދ. އިން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖާން ކުބީ އިސްތިއުފާ ދެއްވައިފި އެވެ. ޚަބަރު އޭޖެންސީތަކުން ބުނާ ގޮތުން ސަފީރު އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވާ ގޮތެއް ނުވެ އެވެ.
ސަފީރު އިސްތިއުފާ ދެއްވިއިރު ތާރީޚީ އިންތިހާބަކަށް މުޅި ލީބިޔާ ދަނީ ތައްޔާރު ވަމުންނެވެ. ލީބިޔާގެ ހައި އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު ޑިސެމްބަރު 24 ގައި އޮންނާނެ އެވެ.
ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް 100 އާ ގާތްކުރާ އަދަދަކަށް ކެންޑިޑޭޓުން ރެޖިސްޓަރީ ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ކުށްވެރިންނާއި ނުފޫޒުގަދަ ސިޔާސީ ލީޑަރުން ވެސް ހިމެނެ އެވެ.
ލީބިޔާގައި ދެ އިންތިހާބު ބޭއްވުމުގައި އދ. ގެ ދައުރު ވަރަށް ބޮޑެވެ. އދ. މެދުވެރިވެ ތޫނިސްގައި ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާތައް ވަނީ ބާއްވާފަ އެވެ. އެއީ ލީބިޔާގައި އިތުރު ހަމަނުޖެހުން ހިންގަން ފުރުސަތު ނުދިނުމަށެވެ.
މަޝްރަހު ދިރާސާކުރާ މީހުން ގަބޫލުކުރާ ގޮތުގައި ލީބިޔާގައި ހިނގަމުންދާ ދާޚިލާ މައްސަލަތައް ހަމައަކަށް އެޅުވުމަށް ރިޔާސީ އިންތިހާބެއް ވަރަށް މުހިންމެވެ. އެއީ ބާރުތައް ކަނޑައަޅައި މަގާމުތަކަށް ތަޅާފޮޅާ މީހުންގެ މެދުގައި ބައިއެޅިގެން ދާނެތީ އެވެ.
އދ. ގެ ދައުރު ލީބިޔާއިން ދޫވެގެން ހިނގައްޖެ ނަމަ އޮތް ބިރަކީ ގަބީލާތަކުގެ މެދުގައި އޮތް ނުތަަނަވަސްކަން އިހުނަށް ވުރެ ބޮޑުވެދާނެ ކަމަށް ބެލެވުމެވެ.