ދުނިޔެ

ގައްޒާފީގެ ދަރިކަލުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، ލީބިޔާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ. ލީބިޔާގައި މިއަހަރު ޑިސެމްބަރު 24 ގައި އޮންނަ އިންތިހާބުގައި ވާދަ ކުރެއްވުމަށް އޭނާ ވަނީ އިލެކްޝަން ކޮމިޝަނަށް ފޯމްތައް ހުށަހަޅާފަ އެވެ.

ލީބިޔާގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ދެތިން ފަހަރެއްގެ މަތިން ތާރީހު ކަނޑައެޅުމަށް ފަހު ވަނީ ދުވަސް ބަދަލު ކޮށްފަ އެވެ. ރިޔާސީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ޑިސެމްބަރު ބާއްވަން މިހާރުު ނިންމާފައި ވާއިރު އިންތިހާބު ލަސް ކުރަމުން ގެންދާ ކަމަށް ބުނެ ނުފޫޒު ގަދަ ގައުމުތަކުން ގެންދަނީ ލީބިޔާއަށް ޕްރެޝަރު ކުރަމުންނެވެ.

ލީބިޔާގައި އިންތިހާބު އަވަސް ކުރުމަށް ޓަކައި އދ. އިން ވެސް ގެންދަނީ މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެގޮތުން ލީބިޔާގެ ސިޔާސީ ވާދަވެރިންގެ މެދުގައި ޓިއުނީޝިއާގައި މަޝްވަރާ ކުރެވި ނޮވެމްބަރު 15، 2020 ގައި އޮތީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

ސައިފުލް އިސްލާމް ގަައްޒާފީ އަކީ ލީބިޔާގަައި ރައީސްކަން ކުރެއްވުމަށް އެންމެ ގާބިލު މީހާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ލީބިޔާގައި މިހާރު އޮތް ސިޔާސީ ވާދަވެރި ކަމުގައި ސައިފުލް އިސްލާމަށް އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އަނެއްކޮޅުން ސައިފުލް އިސްލާމަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ބޭނުން ޖެހިފައި ހުރި މީހެކެވެ. އޭނާގެ ބައްޕަ ކާނަލް މުއައްމަރުލް ގައްޒާފިގެ ވެރިކަން ވައްޓާލުމަށް 2011 ގައި ނުކުތް މީހުންނާ ދެކޮޅަށް ސައިފުލް އިސްލާމް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ހިފައި އެތައް ބަޔަކަށް އަނިޔާވި މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ބުނި ގޮތުން ސައިފުލް އިސްލާމްއާ ދެކޮޅަށް ނެރެފައި އޮތް އަމުރު އަދިވެސް ދެމި އެބަ އޮތެވެ. އެހެންކަމުން ހާލަތަށް އަންނަ ބަދަލާއެކު ސައިފުލް އިސްލާމް ހައްޔަރު ކުރުމަކީ ވެސް ވިސްނުމުގައި ބާއްވަން ޖެހޭ ކަމެކެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާގައި ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑު ގައުމެކެވެ. އަނެއްކޮޅުން ދާއިމީ ސަރުކާރެއް އެކުލަވާލުމަށް ޓަކައި ރިޔާސީ އިންތިހާބަކާ ހަމައަށް އާދެވިފައި އޮތްއިރު އިންތިހާބުގައި ވާދަ ކުރެއްވުމަށް ނަން ނޯޓް ކުރައްވައިގެން ތިއްބެވީ ވެސް އެކި ދާއިރާތަކުގައި ނުފޫޒުގަދަ ބޭފުޅުންނެވެ.