ހަބަރު

އެސްއެމްއީ ބޭންކުގެ ކޮރަޕްޝަނެއް އުޅޭނަމަ ޕޯޓަލަށް ހުށަހަޅާ: ފައްޔާޒު

އެސްއެމްއީ ބޭންކްގެ މުއާމާލަތްތަކުގައި ކޮރަޕްޝަން އުޅޭ ކަމަށް ތުހުމަތުވާ ނަމަ، ވިސުލްބްލޯވާ ޕޯޓަލަށް މައްސަލަ ހުށަހަޅަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެދި ވަޑައިގެންފި އެވެ.

-- މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ވިސުލްބްލޯވާ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަށް މި ސަރުކާރުން ގާއިމުކޮށްފައިވާ އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމުގައި ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އާންމު މީހަކު ރޭ މިނިސްޓަރު ފަޔާޒް ޓެގްކޮށް ޓްވީޓެއް ކުރި އެވެ

އެ މީހާ ބުނެފައި ވަނީ އެސްއެމްއީ ބޭންކްގެ ލޯނަށް ޝަރުތު ފުރިހަމަ ވަނީ ނަގާ ލޯނުން ބުނާ އަދަދެއްގެ "ކަޓެއް" ދޭން އެއްބަސްވާނަމަ ކަމަށް އަޑު އިވޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލެރެންސް ޓް ކޮރަޕްޝަން" ގެ ސިޔާސަތާއެކު މި ކަމާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅެއްތޯ އޭނާ ސުވާލުކޮށްފައި ވެއެވެ.

އޭނާއަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ވިސުލްބްލޯވާ ޕޯޓަލް" އަށް ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އިވޭ އަޑު އެއީ ގަބޫލު ކުރެވޭ އަޑެއް ކަމަށް ވަނީނަމަ ތަފުސީލާއެކު ސޯޝަލް މީޑިއާގައި ހާމަކުރުމުން ވެސް ރަނގަޅު ވާނެ ކަމަށެވެ.

މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކަށް ގެންގުޅޭނީ "ޒީރޯ ޓޮލެރެންސް ޓް ކޮރަޕްޝަން" ކަމަށް ރައީސް ސޯލިހް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.