ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްްވުން މަނާ ކުރުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިގެންދާނެ ފަދަ ކަމެއް ކަމަށް ދަނގެތި ދާއިރާގެ މެންބަރު އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެެއާމަން މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން އެންމެ ފަހުން އެޅި ފިޔަވަޅަކީ ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް ވެހިކަލް ދުއްވުން މަނާ ކުރުމެވެ. އޭގެ ކުރިން ރޭގަނޑު 10 ކުން ފެށިގެން ފަތިހު ފަހަކަށް މާލެ ސިޓީގައި ދަނީ ކާފިއު ހިންގަމުންނެވެ.
ކާފިއުގެ ދެ ގަޑިއިރު ކުރިން ވެހިކަލް ދުއްވުން މަނާކުރުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފިޔަވަޅުގެ ސަބަބުން ވިޔަފާރިތައް މުޅިން ހުއްޓިގެންދާނެ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި ނާޒިމް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ މައިބަދަ ކަމަށެވެ. ވެހިކަލް ދުއްވުން މަނާކުރާ ދެ ގަޑިއިރުގެ ސަބަބުން އެ ވިޔަފާރިތައް މުޅިން ހުއްޓިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ވިޔަފާރިތައް ހުއްޓިއްޖެނަމަ އޭގެ އަސަރު ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
ވިޔަފާރިތައް ހުއްޓޭނެފަދަ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި އެތަންތަން އިންސްޕެކްޓްކޮށް ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް ވަރުގަދަކުރުން މުހިންމު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ވިޔަފާރިތަކަށް މިހާރު ހުއްދަ ދީފައިވަނީ ހެނދުނު 9 ކުން ފެށިގެން ރޭގަނޑު 10 އަކަށެވެ. އެހެން އޮއްވާ ރޭގަނޑު އަށެއްގެ ފަހުން ވެހިކަލް ދުއްވުން މަނާކުރުމަކީ ހުރިހާ ބާވަތެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ވިޔަފާރިން ވަނީ ބުނެފައެވެ. ވިޔަފާރިވެރިން ވަނީ ހެނދުނު ވިޔަފާރި ފެށޭ ގަޑި އަވަސްކޮށް ދިނުމަށްވެސް އެދިފައެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންގައި އެތައް ދުވަހެއް ހޭދަކުރަން ޖެހުމުންވެސް ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައްވެފައެވެ.