އެސްއެމްއީ ބޭންކް

އެސްޑީއެފްސީގެ ލޯނުތައް ފަސްކޮށްދިނުމަށް އަންނަ މަހު ހުށައެޅޭނެ

Aug 28, 2020

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ހުރިހާ ލޯނު ތަކެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާއިރު އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖޭގެ ކުދި ވިޔަފާރި ތަކަށް މާލީ އެހީތެރިކަން ދޭން، ސަރުކާރުގެ އެހީތެރިކަމާއެކު އުފެއްދި ބޭންކުގެ ލޯނުތައް ފަސްކޮށްދިންކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވަނީ ހާމަކޮށްފައެވެ. އޭގެ ފަހުން މިރޭ އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސެޕްޓެންބަރު މަހުން ފެށިގެން ހަތަރު މަސް ދުވަހަށް ލޯންތައް ފަސް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ސެޕްޓެންބަރު މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

"ކުރިންވެސް އިއުލާނު ކުރެވުނު ފަދައިން މޮރެޓޯރިއަމްގެ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓް ކުޑަކުރެވޭނެ،"

އެސްޑީއެފްސީން ބުނީ މިވަގުތު އެންމެ އިސްކަން ދެނީ ކޮވިޑް-19 އާއި ގުޅިގެން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައި ގަތުމަށް އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަަމަށެވެ.

ލޯން ފަސްކޮށްދިނުމާއި ގުޅޭ އިތުރު މައުލޫމާތުތައް ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަންގެ ވެބްސައިޓުން ލިިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެސްޑީއެފްސީ އިން ދަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ގިނަ އަދަދެއްގެ ލޯނު ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރި ތަކަށް އެހީވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީ ވިޔަފާރިތައް މިހާލަތުގައި ދެމިތިބެން ބޭނުންވާ އެހީގެ ގޮތުގައި ލުއި ލޯނު ދަނީ ދޫކުރަމުންނެވެ. އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. ހަމަ އަށް ނެގޭ ލޯނު ތަކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބެ އެވެ.

އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.