އަލީ އާޒިމް

ފައްޔާޒާމެދު އާޒިމްގެ ރާގު ބަދަލުވެއްޖެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އަމާޒުކޮށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް މީގެ ކުރީން ކުރައްވަމުން އައި ތުހުމަތުތަކުގެ ވާހަކަތައް ތަކުރާރު ކުރައްވަން ދެކޮޅު ހައްދަވާ އާޒިމްގެ ރާގު ބަދަލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރި މެންބަރެއްގެ ގޮތުގައި ކުރީން ހުންނެވި އާޒިމް މިހާރު ފާހަގަކުރެވިފައިވަނީ ރައީސް ސޯލިހަށް ވަފާތެރި މެންބަރެއްގެ ގޮތުގައެވެ.

އާޒިމް ވަނީ މީގެ ކުރީން އެތައް ފަހަރެއްގެ މަތިން ފައްޔާޒަށް ތުހުމަތު ކުރައްވާ އެކި ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ފައްޔާޒަށް ނިސްބަތްކޮށް ކޮރަޕްޝަންގެ ތުހުމަތާއި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރަކު އިސްވެ ނުފޫޒު ފޯރުވައިގެން، މަޖިލީސް ތަޣައްޔަރުކޮށް، ކިލަނބުކުރާ ކަމުގެ ނުސީދާ ތުހުމަތުވެސް ކުރެއްވިއެވެ.

އެ ތުހުމަތުތަކާއި ގުޅިގެން އެކި ފަހަރު މަތިން ފައްޔާޒުވެސް ރައްދު ދެއްވާފައިވެއެވެ. އަދި ވައްކަން ކުރައްވާނަމަ އެކަން އެއްވެސް މީހަކަށް ނޭންގޭހާ ސިއްރުން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ފައްޔާޒު ވިދާޅުވުމުން ފައްޔާޒުމެން ކުރައްވާ ވައްކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އާޒިމް ރައްދު ދެއްވާފައިވެއެވެ.

އެކަމަށް އިޝާރާތްކޮށް އާންމުންގެ މީހަކު މިރޭ ކްލަބް ހައުސްގައި ކުރި ސުވާލަކާއި ގުޅިގެން ފައްޔާޒަށް އަމާޒުކޮށް ވާހަކަ ދައްކަވަން އާޒިމް ބޭނުންފުޅެއް ނުވިއެވެ. އަދި ކުރީން ދެއްކެވި ވާހަކަތަކުގެ ރާގު ވަރަށް ބޮޑަށް ބަދަލު ކުރައްވާ ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއްގެ ކޮރަޕްޝަންގެ މައްސަލައެއް އެނގިވަޑައިގެންފިނަމަ އެ ވަޒީރަކާއި ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރައްވަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިދިޔަ އަހަރުގެ ޑިސެންބަރު ހަތްވަނަ ދުވަހު ބަހުސް ކުރައްވަމުން އާޒިމް ވަނީ އޭނާ ހުށަހެޅުއްވި އިސްލާހުތައް، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބަލައިގެންފައި ނުވާ ކަމަށާއި ގިނަ މެންބަރުންގެ ވިސްނުމަކީ ސަރުކާރުން ހުށަހަޅާ ބިލެއް،އެ އޮތް ގޮތަށް ފާސްކުރުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެ ގޮތަށް މެދުވެރި ވަނީ، ސަރުކާރުގެ ތެރެއިން އެ މެންބަރުންނަށް އަންނަ ނުފޫޒެއްގެ ތެރެއިންކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ. އާޒިމް އެ ތުހުމަތު ނުސީދާކޮށް އަމާޒުކުރެއްވީ ފައްޔާޒަށެވެ.

"ސަރުކާރުގެ ތެރެއިން ސީނިއާ ވަޒީރަކު މަޖިލިސްގެ ތެރެއަށް އަތް ބާނައިގެން މިކަހަލަ ކަންތައްތައް ކުރަން އެބަ މަސައްކަތް ކުރޭ. އަޅުގަނޑު އެ ފަރާތްތަކަށް ދަންނަވަން ނޫނެކޭ. މަޖިލިސް މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭށޭ،" އޭނާ ވިދާޅުވި އެވެ.

އަދި ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނި ހަދައިގެން އުޅެނީ ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް މަންފާ ހޯދައިދޭން ކަމަށް ތުހުމަތު ކުރައްވައި އާޒިމްގެ ނުސީދާ ފާޑުވިދާޅުވުން ފައްޔާޒަށް އަމާޒުކުރެއްވިއެވެ.

މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި 10 އަކަށް ވުރެ ގިނަ ކުންފުނި ހަދާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކުންފުނިތަކުން އެއްވެސް ކަމެއް ނުކުރާ ކަމަށްވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ.

"މި ސަރުކާރުންވެސް 10 އަކަށް ވުރެ ގިނަ ކުންފުނި އުފައްދައިފި. ކީއްކުރަންތޯ؟ އަމިއްލަ މަންފާ ނަގަން ވެގެން،" އެކަން ކުރަނީ މިފަދަ ކުންފުނިތަކުން އެހެން މިނިސްޓްރީތަކުގެ މެންޑޭޓުގެ ތެރެއަށްވަދެ، "ބޮޑު ވަޒީރު" ހެދިގެން ބާރުތައް "ބައް" ކުރުމުގެ ވިސްނުމުގައިކަމަށް ތުހުމަތު ކުރައްވައި އޭނާ އިތުރަށް ވިދާޅުވި އެވެ.