ހަބަރު

ޓޫރިޒަމްގެ އިސްލާހުތަކުންވެސް ތުހުމަތުގެ އިނގިލި ފައްޔާޒަށް

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ ތެރެއިން، އެމްޑީޕީގެ ބައެއް މެންބަރުންގެ ތުހުމަތުތަކެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އަމާޒު ކުރައްވައިފި އެވެ.

އަންނަ ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

ޓޫރިޒަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

ނަމަވެސް، ބިލު ހުށަހަޅުއްވައި ދެއްވުމަށްފަހު، ބަހުސަށް ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ފުރުސަތަކަށް އެދިވަޑައިގެންނެވީ އާޒިމެވެ. ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން އާޒިމް ވިދާޅުވީ، އޭނާ މިއަދު ހުންނެވީ ދެ ތޮފި އަޅުއްވައިގެން ކަމަށެވެ.

މިގޮތުން، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިއިރު، ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުނުކުރެއްވުނު ނަމަވެސް، ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ބިލާމެދު ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ބިލާ ގުޅޭގޮތުން އާޒިމް ފާޅުކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި މި ބިލުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިއަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އިތުރު ކުންފުނިތަކެއް އަނެއްކާވެސް ހެދުމުގެ ފުރުސަތު ހުޅުވިގެން ދިއުން ހިމެނެ އެވެ.

އަނެއްކާވެސް އާ ކުންފުނިތަކެއް ހަދައިގެން މިކަން ކުރަން އުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މިކަމުން ރިސޯޓު ހިންގުމުގެ ބާރު ސަރުކާރަށް ނަގައިގެން، ވައްކަން ކުރާނެ މަގެއް ހޯދަން އުޅޭ ކަމަށެވެ.

ވައްކަން ކުރިޔަސް "ބްރޯ" އިންނަށް މެސެޖުކޮށްގެން އެކަން ކުރާވަރަށް ވުރެ ފެންވަރު ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާއަކީ ދުވަހަކުވެސް ވައްކަން ކުރާނެ މީހެއް ނޫން ކަމަށް ފައްޔާޒް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކައަށް އާޒިމް ވަނީ ނުސީދާކޮށް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑެއް ފަހަރެއްގައިވެސް ނުބުނަން ވައްކަން ކުރަން މާ މޮޅުވާނެއެކޭ. ތިމަންނައަށް މިކަންކަން ކޮށްލެވިދާނެއެކޭ. އެއްވެސް މީހަކަށް ނޭންގޭނޭ. ނޫން ނުވެސް ކުރެވޭނެ. އެފުރުސަތެއް ވެސް އަޅުގަނޑުމެން ނުވެސް ދޭނަން. ވައްކަން ނޭނގޭ ގޮތަކަށް ނުވެސް ކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ކުރާ ވައްކަންވެސް އަޅުގަނޑުމެންނަށް އެބަހުރި އެކަންކަން ފެންނަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވައްކަން ކުރާކަން އެނގުނު ނަމަވެސް އެވާހަކަ ނުދައްކަނީ ރީތިކޮށް ކަންކަން ހައްލުކުރެވޭނެ ކަމަށް އުންމީދުކޮށްގެން ކަމަށެވެ.

އަދި އެކަންކަން ހައްލު ނުކުރެވޭ ކަމުގައި ވާނަމަ މަޖިލީހުގައި އެވާހަކަ ރީތިކޮށް ރައްޔިތުންނަށް ކިޔާދޭނެ ކަމަށް މީގެ ކުރިންވެސް އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން ކުންފުނިތައް ހަދައިގެން އިސް މަގާމުތައް އެ މިނިސްޓްރީގެ މުވައްޒަފުންނަށް ދެމުންދާކަމަށް ތުހުމަތު ކުރައްވާފައިވާ އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ އިތުރުން މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވިދާޅުވީ މި ބިލު ފަރުމާކޮށްފައިވަނީ ސަރުކާރުން ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަންނަން އުޅޭ ފަދަ ގޮތަކަށް ކަމަށެވެ.

މިގޮތުން، އޭނާ ވިދާޅުވީ ޓޫރިޒަމް ސިނާއަތުގެ ތެރެއިން ރިސޯޓު ގަނެވިއްކުން ފަދަ ރިއަލް އެސްޓޭޓް ވިޔަފާރީގެ ފުރުސަތުތައް އޮތް ނަމަވެސް، އެ ފުރުސަތުތައް މިހާރުވެސް ލިބެމުންދަނީ ދިވެހި ކުންފުނިތަކުގެ ބަދަލުގައި ބޭރުގެ ފަރާތްތަކަށް ކަމަށެވެ.

"މިއީ ސްމާޓް ބްރޯ ބިލެއް. އެކަމަކު މަޖިލިސް ވަރަށް ސްމާޓުވާނެ. އަޅުގަނޑުމެން ދަންނަ ކަމެއް މިއީ. ލާހިކެއް ނޫން ވަގު ހަދާކަށް. އަޅުގަނޑުމެންވެސް ސްމާޓުވާނެ،" ފައްޔާޒް ދެއްކެވި ވާހަކަފުޅަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރެއިން ފައްޔާޒާމެދު ހިތްހަމަނުޖެހިގެން އޭނާގެ އިތުބާރުނެތް ކަމަށް ފާސްކުރަން ދާދި ފަހުން މަސައްކަތްތަކެއްވެސް ކުރެވުނެވެ.

ފައްޔާޒް މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުވުންތަކެއްވެސް ބާއްވަވާފަ އެވެ.

އަދި އެމަނިކުފާނު ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ގިނަ މީޑިއާތަކަކަށް އިންޓަވިއު ވެސް ދެއްވާފައެވެ.