ހަބަރު

އާޒިމް ފާޑުވިދާޅުވީ އޭނާ ހުށަހެޅުއްވި ބިލަށް

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމް ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު، އެ ބިލަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓޫރިޒަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

ބިލު ހުށަހަޅުއްވައި ދެއްވުމަށްފަހު، ބަހުސަށް ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ފުރުސަތަކަށް އެދިވަޑައިގެންނެވީ އާޒިމެވެ. ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިން އާޒިމް ވިދާޅުވީ، އޭނާ މިއަދު ހުންނެވީ ދެ ތޮފި އަޅުއްވައިގެން ކަމަށެވެ.

މިގޮތުން، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވިއިރު، ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާޅުނުކުރެއްވުނު ނަމަވެސް، ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ބިލާމެދު ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު މި ބިލުގެ ދަށުން ލިބޭނެކަމަށް އޮތްނަމަވެސް، އާއްމު ފަރާތްތަކަށް އެ ވިޔަފާރިތަކުގެ ތެރެއަށް ވަދެވިގެންދާނެ މަގެއް ސާފުކޮށް ފެންނަންނެތް ކަމަށެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ހިމަނައިފާ ވީނަމަވެސް، އެކަމާވެސް އާޒިމް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

މިގޮތުން، 2012 ވަނަ އަހަރުން ފެށިގެން 85 ރިސޯޓެއް ތަރައްގީ ނުކުރެވި ވާއިރު، ގާނޫނު އިސްލާހުކުރާ ގޮތުން އެ ރިސޯޓުތައް ދެންވެސް ތަރައްގީކޮށް ނިންމޭނެކަމާމެދު އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

"މީގެ ތެރެއަށް މި ވަދެވެނީ އަނެއްކާވެސް އެއް މިލިއަން ޑޮލަރު ދީފައި. މިހާރުވެސް 85 ރަށެއް ފައިސާ ނެތިގެން ނެހެދި އޮއްވާ މީގެ ތެރެއަށް މިވަދެވެނީ އެއް މިލިއަން ޑޮލަރު ދައްކާފައި ކަމަށްވާނަމަ މީގެ މަގުސަދެއް ހާސިލެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

އަދި ސަރުކާރު ހިއްސާވާ ގޮތަށް އަމިއްލަ ފަރާތްތަކުން ރިސޯޓު ތަރައްގީ ކުރަން ހަދާފައިވާ ޖޮއިންޓް ވެންޗާ ތަކުގައި ސަރުކާރުގެ ހިއްސާ ވިއްކާލެވޭ ގޮތަށް މީގެ ކުރިން އޮތް މާއްދާ، މި އިސްލާހުތަކުގެ ތެރެއިން އުނި ކުރެވޭތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މިގޮތުން، ރަށް ތަރައްގީ ކުރި ފަރާތްތަކަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ ފުރުސަތު ބަންދުވެގެން ދިއުމަކީ ރަނގަޅުގޮތެއް ނޫންކަމަށް އާޒިމް ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ މި ބިލުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިއަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އިތުރު ކުންފުނިތަކެއް އަނެއްކާވެސް ހެދުމުގެ ފުރުސަތު ހުޅުވިގެން ދިއުމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން ކަމަށެވެ.

އަނެއްކާވެސް އާ ކުންފުނިތަކެއް ހަދައިގެން މިކަން ކުރަން އުޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މިކަމުން ރިސޯޓު ހިންގުމުގެ ބާރު ސަރުކާރަށް ނަގައިގެން، ވައްކަން ކުރާނެ މަގެއް ހޯދަން އުޅޭ ކަމަށެވެ.

"އަޅުގަނޑުމެން އަޑުއަހަން ޓޫރިޒަމަކީ ރަން ބިސް އަޅާ ކުކުޅޭ. އަޅުގަނޑުމެން މިއުޅެނީ ކުކުޅުގެ ފޫކޮޅުގައި އަތް އަޅަން. ބިހެއް ނާޅާ ގޮތަށް އަތް އަޅަން މިއުޅެނީ،" އެމްއެމްޕީއާރުސީ ތެރެއިން ކުރީގެ ސަރުކާރުން ހިންގި ހިޔާނާތަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން މިއަދު ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ބަޖެޓުގައި ޓޫރިޒަމުން ލިބޭ އާމްދަނީގެ އަންދާޒާތަކަށް ކޮމިޓީން ގެނައި ބަދަލުތައް ހިމެނޭނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓަށް ބަދަލު އަންނާނެތީ، ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް، މުޅި މަޖިލީހުގެ ކޮމިޓީއެއް މިއަދު ބާއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

އަދި ބަޖެޓު ފާސްކުރުމުގެ ކުރިން، މި ބިލުގެ މަސައްކަތް ނިންމަންޖެހޭކަން އެމަނިކުފާނު މިއަދު ވަނީ ފާހަގަކުރައްވައިފަ އެވެ.