އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ރަށްތަކެއް ދޭން ނިންމުމުން އެ ކުންފުނި އުފެއްދި ހަގީގީ މަގުސަދާމެދު އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ސުވާލު އުފައްދަވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ކުންފުންޏަށް ދޭން ނިންމާފައިވަނީ ހއ. މުލިދޫ އާއި ލ. ގާދޫ އަދި ގދ. ގަމެވެ.
އެ ނިންމުމާ ގުޅޭ ގޮތުން އަލީ އާޒިމް ވިދާޅުވީ އެގްރޯ ކޮމްޕެނީ އުފެއްދީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެ ދިނުމަށް ކަމަށާއި އެ ކުންފުނި އުފެއްދީ ދަނޑުވެރިންގެ މަަސައްކަތުގެ ތެރެއަށް ވަންނަން ނޫން ކަމަށެވެ.
"މިފްކޯ އިންވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ދެއްތޯ،" މިނިސްޓަރު ފައްޔާޒަށް އަމާޒު ކުރައްވާ އަލީ އާޒިމް ސުވާލު ކުރެއްވި އެވެ.
ވަރަށް ގިނަ ކަންކަމުގައި ފައްޔާޒަށް ތުހުމަތުގެ އިނގިލި ދިއްކުރައްވާ އާޒިމް ވާހަކަ ދައްކަވަ އެވެ.
އެގްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި އެ ތިން ރަށް އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ގިނަވެގެން ދެ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ކަމާ ގުޅޭ އެއްބަސްވުންތައް ނިންމާ، ރަސްމީކޮށް ހަވާލުވެވޭނެ ކަމަށް،" ހާރޫން ވިދާޅުވި އެވެ.
އެގްރޯ ކުންފުންޏަށް ލިބުނު ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލުމަށް ވެސް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ކުންފުނީގެ ވިސްނުން ހުރީ އެ ރަށްތަކާ އެންމެ ކައިރީގައިވާ މީހުން ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދިނުމަށެވެ. ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދަނޑުވެރިކަމުގެ އާ ކޮންސެޕްޓެއް ހިމަނައިގެން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް އެގްރޯގެ ޕްލޭންގައި އެބައޮތެވެ.
ހާރޫން ވިދާޅުވީ އެ ތިން ރަށުގައި ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ދޫކުރާނެ ކަމަށެވެ. އެކަމަކު ދޫކުރާނެ ބިމުގެ ބޮޑު މިނާއި ކުލީގެ އަގުތައް އަދި ކަނޑައަޅާފައެއް ނުވެ އެވެ. ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން ކަނޑައަޅަން ނިންމާފައިވަނީ ޕްރޮޕޯސަލްތަކާއި އިންވެސްޓް ކުރަން ވިސްނާފައިވާ ގޮތް ބެލުމަށްފަހު އެވެ. އެގްރޯ ކުންފުންޏާ އެކު އެއްބަސްވުން ހަދައިގެން މިހާރު ވެސް ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތައް އެ ތިން ރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް ހަމަޖައްސައި ދިނުމަށް ނިންމާފައިވެ އެވެ.
އެގްރޯގެ ދަނޑުވެރިން މިވަގުތު ހައްދަނީ 17 ބާވަތެކެވެ. އެއީ ރާއްޖެއަށް އެންމެ އާންމުކޮށް އިމްޕޯޓް ކުރާ ބާވަތްތަކެވެ. އެކަމަކު އަލަށް ލިބުނު ތިން ރަށުގައި އިތުރު ބާވަތްތައް ހައްދަން ފުރުސަތު ދިނުމާ އެކު، ކުންފުންޏަށް ފައިދާ ހޯދުމަށްޓަކައި އެހެން ބައެއް މަސައްކަތްތައް ފެށުމަށްވެސް އެގްރޯ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ރަށްތަކުގައި ކޮމާޝަލް އޭރިއާ އެއް ކަނޑައެޅުމަށްފަހު އެ ތަންތަނުގައި ކުކުޅާއި ބަކަރި ކަހަލަ ބާވަތްތަކުގެ ފާމްތައް ހަދަން ބިން ދިނުމުގެ ވިސްނުމެއް ގެންގުޅެ އެވެ. މީގެއިތުރުން ގަސް ކާނާ ހަދައިގެން ދަނޑުވެރިންނަށް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްވެސް ވަނީ ނިންމާފަ އެވެ.