އިންޖީނުލީ އެއްގަމު އުޅަނދުތައް ގިނަ އަދި ބައިބޯވެ ތޮއްޖެހިފައިވާ މާލޭގައި އިއްޔެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިސްކަލް ބުރެއް ޖައްސަވައި މާލޭގެ ވެއްޓަށް އަލުން "ބައިސްކަލް ލައިފް ސްޓައިލެ" އް ބޭނުން ވެފައިވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި "ތިމާވެށީގެ ޗެމްޕިނު"ން ގެ ތެރޭގައި ވެސް ހިމެނި ވަޑައިގެންފައިވާ ކުރީގެ ރައީސް ނަޝީދު އިއްޔެ ބައިސަކަލްގައި "ރޯދަ ފިނި ބުރެއް" ޖެއްސެވީ މާލޭގެ ތިމާވެއްޓަށް ބާރު އަޅައި އަލުން ބައިސްކަލުގެ ޒަމާނެއްގެ ގެނައުމަށް މަސައްކަތް ކުރާ "ބައިކް މޯލްޑިވްސް" އިން އިންތިޒާމު ކުރި ބައިސްކަލް ބުރެއްގެ ތެރެއިންނެވެ.
ބައިކް މޯލްޑިވްސްގެ އިއްޔެގެ ފިނި ބުރު ހާއްސަވެގެން ދިޔައީ ވެސް އެ ފިނި ބުރުގައި ކުރީގެ ރައީސް ބައިވެރިވެ ވަޑައިގެން ބައިކް މޯލްޑިވްސްގެ ކެމްޕޭނަށް ބާރު އަޅުއްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.
އިއްުޔެ މާލޭގެ އިއްޒުއްދީނު ފާލަމާ ހަމައިން މާފަންނު ރަސްފަންނަށް ބައިސްކަލްގައި ޖެހި ފިނި ބުރުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ އެ މަނިކުފާނުގެ ޒުވާން އުމުރުފުޅުގައި ބޭނުންފުޅު ކުރެއްވެވި ހަބް، ލީ ރެލީ މަރުކައިގެ ބައިސްކަލަށް އަރާ ވަޑައިގެން ދުއްވަވާފަ އެވެ. އަދި އިއްޒުއްދީން ފާލަން ކައިރިން ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަވާއި ނޫސްވެރިނާ ވާހަކަފުޅު ދެއްކެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މާލޭގެ ތިމާވެއްޓާއި ހާލަތު ބަދަލުވެފައިވާ ގޮތުން ސައިކަލުތަކަށް ވުރެ ބޮޑަށް ބައިސްކަލު ބޭނުން ކުރުން ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވެރިރަށް މާލޭގައި ކުރީން އޮތީ ފައިމަގުގައި އުޅުނު ޖެނެރޭޝަންތަކަކަށްވި ނަމަވެސް އެ މަނިކުފާނު ބޮޑުފުޅުވެ ވަޑައިގެންނެވި އިރު މުޅީން އުޅުއްވެވީ ބައިސްކަލް މަތީގަ އެވެ. އަދި ފަހުން އުފަން ބޭފުޅުން ލިބިވަޑައިގަތުމުން ތުއްޕުޅު ދެ ބޭފުޅުން ސޫލަށް ގެންދެވުމަށާއި އަނބުރާ ގެއަށް ގެންދެވުމަށް އެ މަނިކުފާނު ބޭނުންފުޅު ކުރެއްވީ ވެސް ބައިސްކަލް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދޮށީ ދަރިފުޅު މީރާ ކުޑައިރު ސުކޫލަށް ގެން ދިޔައީ ވެސް ބައިސްކަލް ފަހަތު ކޮށީގައި، އަދި ބާޒަރު ކުރުމުގައި ވެސް ބައިސަކަލްގެ ވަށިގަނޑުގެ ބޭނުން ހިފިން،"
ރައީސް ނަޝީދު ވިދާޅުވީ އެހިސާބުން މާލޭ މަގުތައް ވެސް ހެދި ކާރާއި ސައިކަލްތަކާއި މީހުން ގިނަވެ ތޮއްޖެހި މިހާރު މިއޮތީ ހަމެޖިގެން އެއްތަނުން އަނެއްތަނަށް ގޮސް އުޅެން މާލޭގައި އުނދަގޫވެފައި ކަމަށެވެ. ނަމަވެސް އަލުން ބައިސްކަލް ބޭނުން ކުރަން ފަށައިފިނަމަ މާލޭގެ ތިމާވެއްޓަށް ރަނގަޅުވެގެން ދާނެ ކަމަށާއި އެކަން އުނދަގުލަކާ ނުލައި ކުރެވެން ވެސް އެބައޮތް ކަމަށެވެ.
އަދި ވިދާޅުވީ މިހާރު ދުވާލަކު މާލޭގެ ސްކޫލަތަކަށް 25،000 އަށް ވުރެ ގިނަ ދަތުރު ދެކޮޅަށް ކޮންމެ ދުވަހަކު ކުރާ ކަމަށެވެ. އެއީ އެމަނިކުފަނުން ކިހިނެއް ހޯއްދެވި ނަމްބަރެއް ކަމެއް ވިދާޅެއް ނުވެއެވެ.
"ފަހުން މާލޭގެ މަގުތަށް ހެދި މާލޭގައި ވަރަށް ބޮޑަށް ސަކަލު އާއްމުވެގެން ދިޔައީ ވެސް އެ ބޭނުމާ [ސްކޫލް ދޮށަށް ދާށާ] އެކު" އަބަދުވެސް ބައިސްކަލް ދުއްވެވުމަށް ލޯބި ކުރައްވެވި، އަދި ވެރިކަމުގައި ހުންނެވި އިރު ކޮމިއުނިޓީ ފުލުުުހުން ބައިސްކަލް ބޭނުން ކުރުމަށް ބާރު އަޅުއްވެއްވި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު އިއްޔެ ވިދާޅުވި ގޮތުގައި ރޯދަމަހު ހަވީރު ގަޑީގައި ރޯދަ ކުރުކުރަން ބައިސްކަލް ދުއްވުން އެއީ ވެސް ރަނގަޅު ކަމެކެވެ. އޭރަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް މީހާއަށް ފުރުސަތެއް ލިބޭނެ އެވެ. އަދި އެހެންވެ ގިނަ ބަޔަކު ބައިސްކަލް ދުއްވުމަށް އެ މަނިކުފާނު ބާރު އެޅުއްވި އެވެ.
"އުންމީދަކީ ބައިސްކަލުގެ ލައިފްސްޓައިލަށް އެނބުރި [ދިވެހިން] އައުން، ސްކޫލް ދަތުރުތައް ވެސް އެޅެން އެބޮތް ބައިސްކަލްގައި އަދި ކުރިމަތީ ވަށިގަނޑާއެކު ބާޒާރު ކުރުމުގައި ވެސް ބޭނުން ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ބައިކް މޯލްޑިވްސްގެ ބައިސްކަލް ފިނިބުރު އޮންނަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު އެވެ. މިއީ ބައިސްކަލްގައި އެންމެނަށް ވެސް ބައިވެރިވެވޭ ބުރެކެވެ.