ހަބަރު

އިންޓަނެޓް އަގު ހެޔޮ ކުރަން އާ ކުންފުނިތަކަށް ޖާގަ ދޭނަން: މަލީހު

ރާއްޖޭގައިދޭ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އިތުރު ކުންފުނިތަކަށް ޖާގަދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް މިއަދު ދެއްވައިފި އެވެ.

މަލީހު މިއަދު ދެއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި އިންޓަނެޓް ފޯރުކޮށް ދެނީ ބޮޑު ދެކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ އަދި ކުޑަ އެއް ކުންފުނިން ކަމަށްވާ ރާއްޖެ އޮންލައިން އިން ކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ މިސްރާބަށް ކަންކަން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ޖާގަދޭން ފަސް ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރާއްޖޭގައި އިންޓަނެޓް ފޯރުކޮށް މިދެނީ ބޮޑު ދެކުންފުންޏަކާއި ކުޑަ އެއް ކުންފުނިން، ސަރުކާރުން ބޭނުންވާ މިސްރާބަށް ކަންކަން ގެންދިއުމުގައި ކޮންޕެޓިޝަނަށް އިތުރަށް ޖާގަ ދޭންޖެހޭ ކަމަށްވަންޏާ އެކަމަށްވެސް ފަސްނުޖެހޭނެ ކަމަށް މިއަދު ފާހަގަ ކުރަން،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައިދޭ އިންޓަނެޓްގެ ހިދުމަތްތަކުގެ އަގު ދަށްކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ރާއްޖޭގައި އެހިދުމަތްދޭ ކުންފުނިތައް ކަމަށްވާ އުރީދޫއާ ދިރާގާއި އާރްއޯއެލްއާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަޝްވަރާތަކުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އަދި މަޝްވަރާތަކުގައި ސަރުކާރުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށާއި ހުށަހެޅުންތަކަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަަމަށެވެ.

"އެދިރާސާ ކޮށްފައިވަނީ ދުނިޔޭގެ 26 ވަރަކަށް ގައުމުގެ މައްޗަށް، އެރިޕޯޓުންވެސް ދައްކުވައިދޭ އެއް ހަގީގަތަކީ ނިސްބަތުން ރާއްޖޭގައި ދެވޭ އިންޓަނެޓްގެ އަގު ބޮޑުކަން، މަޝްވަރާތައް ގެންދިޔައީ ދެފަރާތުން އެއްބަސްވެވޭ ހިސާބަކަށް މިކަންކަން ގެންދިއުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންޓަނެޓް އަގުހެޔޮ ކުރުމުގައި ސަރުކާރުން އެންމެ ބޮޑަށް ރިއާޔަތްކުރަނީ ރައްޔިތުން ބޭނުންވާގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ފުޅާކުރެވޭނެ ގޮތާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އުންމީދަކީ ސަރުކާރުގެ ހުށަހެޅުންތައް އިންޓަނެޓްދޭ ކުންފުނިތަކުން ގަބޫލުކޮށް ރައްޔިތުން ބޭނުންވާ މިންވަރަށް ތިރިކޮށްދިނުން ކަމަށެވެ. އަދި އެއީ އެކުންފުނިތަކަށް ކުރާ އިލްތިމާސްއެއް ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ރައްޔިތުން އުފާވާ ވަރަށް އިންޓަނެޓްގެ އަގު ހެޔޮކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.