ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތު ގާނޫނުގައި ލިޔަންވެއްޖެ: މަލީހު

އިންޓަނެޓްގެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމިޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަލީހު ވިދާޅުވީ އިންޓަނެޓްގެ ހިދުމަތަކީ ރަނގަޅު ފެންވަރުގައި ލިބޭ ހިދުމަތެއްގެ ގޮތުގައި ހަދަން ސަރުކާރާއި މަޖިލީހާއި ގުޅިގެން ހައްލުތަކެއް ލިބޭނެ ކަމަށެވެ. މި ގޮތުން އެ ހިދުމަތަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށެވެ.

"އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ. އެ ކަމަށް ޓަކައި ގާނޫނަށް ގެންނަ ބަދަލު ގެނައުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ކޯލިޝަން ސަރުކާރުން ފަށަން ޖެހޭ މަސައްކަތެއް." މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓަކީ ވެސް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމުން އެ ހިދުމަތް ދިނުމުގައި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އާއި ކޮންޓްރޯލްތަކެއް އާދެވޭ ގޮތަށް ހަމަޖެހޭނެ ކަމަށެވެ. ނޫނީ ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެން ވެސް އެ މަސައްކަތް ކުރެވި ދާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ ސަރުކާރު ހިއްސާވާ މުނިސިޕަލް ކޭބަލް ސިސްޓަމެއްގެ ތެރެއިން ކޮންމެ ވެސް ވަރެއްގެ ދައުރެއް އޮވެގެން، ބައެއް ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ އިތުރު ކޮށްގެން ވިޔަސް އަސާސީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ދެވޭނެ ގޮތެއް ހެދުން،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ އިންޓަނެޓާއި މުއާސަލަތީ ހިދުމަތާ ގުޅުން ހުރި ގާނޫނުތަކަށް އިތުރު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށާއި އިތުރު ގާނޫނުތައް ވުޖޫދަށް ވެސް ގެންނަން ޖެހޭ ކަމަށެވެ.

މި ގޮތުން މިނިސްޓްރީން މިހާރު ވެސް އިލޮކްޓްރޯނިކް ޓްރާންޝިޝަންގެ ގާނޫނެއްގެ ބިލެއް ފަރުވާކޮށް ނިމިފައިވާ ކަމަށާއި މަޖިލީހުގެ މި ދައުރުގެ ތެރޭގައި ފޮނުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގައި ފުށުން އެރުންތަކެއް އެބަ ހުރި ކަމަށާއި އެ ގާނޫނަށް ވެސް އިސްލާހުތަކެއް ބޭނުންވާ ކަމަށެވެ.

މަލީހު ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނީ ޒިންމާގައިވާ މުވާސަލާތީ ހިދުމަތްތައް ދެމުންދާ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުންފުނިތަކުގެ މެކޭނިޒަމްގެ ތެރެއަށް ވަދެ އަގުތައް ކޮންޓްރޯލް ކުރުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.