އިންޓަނެޓްގެ އަގަށް ގެންނަން ނިންމާފައިވާ ބަދަލު އަންނަ ބުދަ ދުވަހު އިއުލާން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހު ހަވީރު ނޫސްވެރިންނާ ބައްދަލްކުރައްވާ ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިދުވަސްވަރު އިންޓަނެޓްގެ އަގު ހެޔޮ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ މައުލޫމާތު އާންމުންނާ ހިއްސާ ކުރާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ޓެލެކޮމް ކުންފުނިތަކާ މިކަމުގައި ސަރުކާރުން ކުރަންޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަޝްވަރާތަކާއެކު އަންނަ ބަދަލުތައް ފެށޭނީ މި ފެށޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. ގެންނަ ބަދަލުތައް މާދަމާ އިއުލާން ކުރާނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އިންޓަނެޓް އަގު ހެޔޮ ކުރުމުގެ އަޑު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އެންމެ ގޭގައި ތިބުމަށް ސިއްހީ މާހިރުން އިލްތިމާސް ކުރަމުންދާއިރު އެކަމަށް ބާރު އެޅުމުގެ ގޮތުން ގައުމުތަކުން ދަނީ އިންޓަނެޓްގެ އަގު ވަރަށް ބޮޑުތަނުން ހެޔޮ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މި ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރާނެ ކަމަށް ބުނެފައިވަނީ 2023 ވަނަ އަހަރުއެވެ.