ހަބަރު

މިއީ ސަމާލުކަން އަނބުރާލަންވީ ވަގުތެއް ނޫން: މަލީހު

Mar 25, 2020
5

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔުން ހުއްޓުވުމަށް މުޅި ދައުލަތް އެކީގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެހެންކަމަކަށް ސަމާލުކަން އަނބުރާލުން އެއީ ރަނގަޅުގޮތެއްނޫން ކަމަށް، ކޮމިޔުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންޓަނެޓްގެ އަގުގެ މައްސަލައިގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވުމާ ގުޅިގެން، މަލީހު މިއަދު އަވަސްއަށް ވިދާޅުވި ގޮތުގައި ގައުމަށް މިހާރު ދިމާވެފައިވާ މިފަދަ ހާލަތަކާ ގުޅިގެން، އެހެން ދިމާލަކަށް ސަމާލުކަން އަނބުރާލުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

ކޮވިޑް-19 އާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން، ސަރުކާރުގެ އެދުމުގެ މަތީން މިހާރުވެސް މުއާސަލާތީ އެންމެ ބޮޑު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫގެ ހިދުމަތްތަކަށް ގިނަ ލުއި ތަކަކާއި ހާއްސަ އުސޫލުތަކެއް ހަމަޖައްސައިދީފާއިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މިހާލަތާ ގުޅިގެން ސީދާ ސަރުކާރުގެ އެދުމުގެ މަތީން ދިރާގާއި އުރީދޫންވެސް ހާއްސަ ޕެކޭޖުތަކެއް ވަނީ ތައާރަފްކޮށްފައި. އަދި ސްކޫލްތައް ބަންދުވުމުން ކުދީން ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޑިޔުކޭޝަން މިނިސްޓްރީއާއެކު ވެސް މަސައްކަތްތަކެއް އެދަނީ ކުރެވެމުން. އެހެންވީމާ، މިވަގުތު އައުޓް އޮފް ފޯކަސްއަށް ގެންދިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" މަލީހު ވިދާޅުވި އެވެ.

މީކާއިލް ސޮއި ކުރައްވާ، މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުގެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރު ވެފައިވާއިރު މުވާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބޭއިރު އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުން ނުދަނީ ކީއްވެތޯ ސާފު ކުރުމަށް އޮތޯރިޓީގެ އިސްވެރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ އެދިފަ އެވެ.

މަލީހު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީގެ މެންބަރަކު އެފަދަ މައްސަލައެއް ހުށަހެޅުއްވިއިރު، އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ އެކްޝަން ޕްލޭނުގައިވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދެމުންދާ މުއާސަލާތީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ކުންފުނިތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، ލަންކާ މެދުވެރިކޮށް އިތުރު ކޭބަލްތައް ރާއްޖެއަށް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ސަރުކާރުގެ އޮފީސް ތަކުގެ އިތުރުން ބައެއް އަމިއްލަ އޮފީސްތައްވެސް ވަނީ ގޭގައި މަސައްކަތް ކުރާ ގޮތަށް ހަދާފަ އެވެ.