އީވާ އަބްދުﷲ

ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ޖެހޭ: އީވާ

ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އާއި ދިރާގުން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އެންޓި މޮނޮޕޮލީގެ ގާނޫނެއް ނެތް ނަމަވެސް ރާއްޖޭގެ އިގްތިސާދުގައި ކަންކަން އޮތް ގޮތުން މިފަދަ ގާނޫނެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

މޮނޮޕޮލީ ކިޔައި އުޅެނީ މުޅި އިގްތިސާދު ނުވަތަ އިގްތިސާދުގެ ވަކި ސިނާއަތެއް އެންމެ ވިޔަފާރިއަކުން ނުވަތަ މަދު ވިޔަފާރިއަކުން ކޮންޓްރޯލް ކޮށްގެން ހިނގަމުންދާ އިގްތިސާދުތަކަށެވެ.

އީވާ ވިދާޅުވީ، ރާއްޖޭގައި ރަނގަޅު މުވާސަލަތީ ހިދުމަތެއް ނުލިބިގެން އުޅޭ ސަބަބަކީ އެ ދާއިރާގައި މޮނޮޕޮލީއެއް އޮތުން ކަމަށެވެ. މޮނޮޕޮލީއެއް އޮތުމުން ހިދުމަތް ރަނގަޅުކޮށް ވީ އެންމެ ކުޑަ އަގެއްގައި ގެންނަން އެ ހިދުމަތް ދޭ މަދު ކުންފުނިތަކަށް މަޖުބޫރު ނުވާ ކަމަށާއި މުވާސަލާތީ ހިދުމަތާއި އިންޓަނެޓްގެ ހިދުމަތް ރަނގަޅު ނުވެ އޮތީ އެ ސަބަބާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ދިރާގު އާއި އުރީދޫ ނޫން ކުންފުންޏެއް އަންނަން ވެއްޖެ ކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ އެނގޭ. ސަބަބަކީ ހިދުމަތް ވަކި ރަނގަޅެއް ނުވި، އިންޓަނެޓްގެ އަގު ވެސް ވަކި ރަނގަޅެއް ނޫން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ، މުވާސަލާތީ ހިދުމަތުގެ ދާއިރާގައި އުޅޭ ހަމައެކަނި ދެ ކުންފުނިން އެ ދާއިރާ ކޮންޓްރޯލް ކުރާ ކުރުން ރާއްޖޭގެ މީޑިއާތަކަށް ބެލުމުން ވެސް ސާފުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ދެ ކުންފުނިން ދޭ ހިދުމަތްތަކާ ގުޅޭ ގޮތުން ފާޑުކިޔައި ލިޔުންތައް ޝާއިއު ކުރަން މީޑިއާތަކަށް ނުކުރޭ ކަމަށާއި މީޑިއާތައް ވެސް އެ ކުންފުނިތަކުން ކޮންޓްރޯލް ކުރާ ކަމަށެވެ.

"ރާއްޖޭގެ ރަށްރަށުގައި އެ ބޮޑު އަގުގައި އެ ދަށް ސްޕީޑްގައި ލިބެމުންދާ އިންޓަނެޓްގެ ހިދުމަތްތައް ވަކި ރަނގަޅެއް ނުވި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެ ހިދުމަތް ލިބެނީ މާ ބޮޑު އަގެއްގައި، އެއީ މި 2020 ގައި އިންޓަނެޓްގެ ހިދުމަތް ލިބުމޭ ބުނަން ވެސް އަޅުގަނޑަށް ދަތި،" ދިރާގާއި އުރީދޫން ދޭ ހިދުމަތްތައް ފާޑުކިޔަމުން އީވާ ވިދާޅުވި އެވެ.

އީވާގެ އިތުރުން ބިލަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ވަނީ އިންޓަނެޓްގެ ހިދުމަތް ރަނގަޅުނުވެ އަގު ތިރި ނުވެގެން އުޅޭ ސަބަބަކީ މޮނޮޕޮލީ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ދިރާގާއި އުރީދޫގެ ހިއްސާތައް ވެސް ގާތްގަނޑަކަށް އެއް ބަޔަކު ގަނެގެން އުޅޭ ކަމަށާއި، ދެ ކުންފުނިން ގުޅިގެން ބައެއް މަސައްކަތް ކުރަމުންދާތީ ވެސް މާރުކޭޓުގައި ހިދުމަތް ދޭން ތިބީ އެއް ބަޔަކު ކަން ސާފުވާ ކަމަށެވެ.

އިންޓަނެޓުގެ އަގު ތިރި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ޓެކްނޮލޮޖީ އާއި މުވާސަލާތީ ހިދުމަތަށް ވަކި ވުޒާރާއެއް ވެސް މި ސަރުކާރުން އުފައްދާފައިވާއިރު، އެ ވުޒާރާގެ ވަޒީރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ، އޭގައި މިނިސްޓްރީން ކަރުދާހެއް އެކުލަވާލައި ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް ރައީސް އޮފީހުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު މީގެ ކުރިން ވަނީ އިންޓަނެޓްގެ ހިދުމަތް މިހާރު ދެމުންދާ ކުންފުނިތަކާ މަޝްވަރާކޮށްގެން އެ ހިދުމަތުގެ އަގު ތިރި ކުރެވޭނެ ގޮތެއް ނުވެއްޖެނަމަ، އާ ކުންފުނިތަކަށް ޖާގަ ދޭން ވެސް ސަރުކާރުން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ.