އަލަށް ރެސްޓޯރެންޓެއް ހުޅުވުމުން ރައްޓެހިންނާ އާއިލާ މީހުންނާއެކު ދެވެނީ އެތަނެއް ޓެސްޓްކޮށްލައި ރަހަތައް ކަމުދޭތޯ ބަލައިލާށެވެ. ހާއްސަކޮށް އެތަނެއްގެ އެންމެ ހާއްސަ ޑިޝްއެއްގެ ރަހަ ބަލައިލުމަކީ ކޮންމެހެން ވެސް ކުރާ ހިތްވާ ކަމެކެވެ. މި ފަހަރު ލޮލުގައި އަޅައިގަތީ ސޯޝަލް މީޑިއާގައިވެސް ވައިރަލްވެ ރިވިއުތަކުގައި އެތައް ބައެއްގެ ތައުރީފު ވެސް އޮހޭ "ޕާޕާ ސޭމްސް" ރެސްޓޯރަންޓެވެ.
ޕާޕާ ސެމްސްއަށް ވަތން ތަނުން ފުރަތަމަ ބައްދަލުވި ވެއިޓަރު ހިނިތުންވުމަކާއެކު މަރުހަބާ ކިޔައި ހުސް މޭޒެއް ދައްކާލި އެވެ. އެހިސާބުން ސޭމްސްގެ ވެއިޓަރުން، ކަސްޓަމަރުންނާ ދޭތެރޭ ބާއްވާ ގާތްކަން އިހުސާސްވި އެވެ. މާހައުލު ވެސް ސިމްޕަލް ވެފައި އަރާމެވެ. އިށީނދެ މެނޫއަށް ބެލުމެއް ނެތި އޯޑަރު ކުރީ "ޕާޕާސް ސިގްނޭޗާ ބާގާ" އަށެވެ.
"މިތަނުގެ ސިގްނޭޗާ ޑިޝް އަކީ ބާގާސް އާއި ސޭންޑް ވިޗެސް. ބާގާ އަޅުގަނޑުމެން މި ގެނެސްދެނީ ވަރަށް ތަފާތު ގޮތަކަށް، އާންމުކޮށް ރެސްޓޯރެންޓް ތަކުން ލިބޭ ބާގާ އާއި ތަފާތުވާނެ ބީފްގެ ކޮލެޓީއަށް ބެލިއަސް. ބަން އަށް ބެލިއަސް އަޅުގަނޑުމެން މިގެން ގުޅެނީ ކަސްޓަމް ބަންސް." ސިގްނޭޗާ ޑިޝްއާބެހޭ ގޮތުން ޕާޕާ ސޭމްސްގެ ޝެފަކު ބުންޏެވެ.
ގިނަ އިރުތަކެއް ނުވެ މޭޒުމަތީގައި ބާގާ އާއި އެހެން ބާވަތްތައް އަތުރާލި އެވެ. އަވަހަށް ކާން ފަށައިފީމެވެ. ހަމަ ވަރަށް ފައްކަލެވެ! ރިވިއުތައް ބުނާ ގޮތަށް ޕާޕާ ސޭމްސް ހަމަ ތަފާތެވެ. ބާގާގެ ރަހަ އެކަންޏެއް ނޫނެވެ. ފިޝް އެންޑް ޝިޕްސް އާއި ނާޗޯސް ވެސް ތަފާތުވެފައި ވަރަށް މީރެވެ.
މެކްސިކަން މީހުންނަށް ހާއްސަ ނާޗޯސް، ޕާޕާ ސޭމްސް އިން ތައްޔާރު ކޮށްފައިވަނީ ތަފާތު ގޮތަކަށް ކަން ރަހަ ބަލައިލުމުން އެނގުނެވެ. އާންމުކޮށް އެކި ރެސްޓޯރެންޓުތަކުން ރަހަ ތަފާތުކޮށް ހުންނަ ނާޗޯސް ޕާޕާ ސޭމްސް އިން މީރު ކަން ފާހަގަ ކުރެވެނެވެ. ނާޗޯސް މީރު ކަމުން އާއިލާ މެންބަރުންނަށް ރަހަ ދައްކާލަން އޭގެ އެއްބައި ގެއަށް ވެސް ގެންދިޔައިމެވެ. ގޭގައި ތިބި މީހުނަށް ވެސް އެ މީރު ވެގެން އަރައިގަނެ، އެ ހުސްވި ގޮތެއް ވެސް ނޭންގުނެވެ.
"އަޅުގަނޑުމެން ބޭނުންކުރާ ބީފް ވެސް އާންމުކޮށް ކާ ބީފްތަކާ ތަފާތުވާނެ. މިތާ ބީފް ކެއީމަ އިނގޭނެ އަސްލު ބީފް އަކީ ސްޓިކީ ކޮށް ހުންނަ އެއްޗެއް ނޫންކަން،"
ޕާޕާ ސޭމްގެ އެންމެ ތަފާތު އެއް ކަމަކީ ކާއެއްޗެހި އުފެއްދުމަށް ބޭނުންކުރާ އިންގްރިޑިއެންޓްގެ ކޮލެޓީ ކަމެވެ. ތާޒާ ކަމާއެކު އެ ތައްޔާރުކޮށްލާ މީރު ޑިޝްތައް ކިތަންމެ ކޮލިޓީ ވިޔަސް އެތަނުން ލިބެން ހުންނަނީ ވަރަށް ރަނގަޅު އަގެއްގައި ހުރިހާ އެންމެނަށް ވެސް އެކަށީގެންވާ ވަރެއްގަ އެވެ. އެތަނުން އެންމެ ގަދައަށް ހިފަހައްޓާ އުސޫލަކީ ކިތަންމެ ދުވަސް ވިޔަސް އަދި އަގު ހެވަސް، ކޮލިޓީ ކޮމްޕްރަމައިޒް ނުކުރުމެވެ.
އޭގެ ނަތީޖާއަކަށް ޕާޕާ ސޭމްސް ހުޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ރެސްޓޯރަންޓް ވަރަށް ހިނގައިފި އެވެ. މި ރޯދަ މަހު ވެސް ރެސްޓޯރަންޓްގެ ހާއްސަ ރޯދަ ވީއްލުމުގެ ޕެކޭޖުތަކަށް ވެސް ވަރަށް ޑިމާންޑު ބޮޑެވެ. އަދި އެއް ފަހަރު އަންނަ ކަސްޓަމަރުން ދެން ފެންނަނީ އިތުރު ބަޔަކާއެކު އަނެއްކާ ވެސް އައިސް ތިބޭތަނެވެ.
ޖުމްލަ ހަތަރު މެނޫ އަކަށް ބަހާލައިގެން ރޯދަ ވީއްލުމުގެ ޕެކޭޖް ތައް ހުންނަ އިރު ހަފްތާގެ އެކި ދުވަސް ތަކުގައި އަގު ވެސް ތަފާތެވެ. އާދީއްތަ ދުވަހާއި އަންގާރަ ދުވަހު 165 ރުފިޔާ އަށް މީހަކަށް ރޯދަވީއްލުން އިންނަ އިރު ހޯމަ ދުވަހާއި އާއި ބުދަ ދުވަހު މީހަކަށް ރޯދަ ވީއްލުމެއް އިންނަނީ 175 ރުފިޔާ އަށެވެ. އަދި ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުގެ މެނޫ އިން މީހަކަށް 180 އަށް ރޯދަވީއްލެއެވެ. ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވުމާއެކު އާއިލާގެ ގިނަ މީހުން އެކުގައި ރޯދަވީއްލަން ބޭނުންވާ ދުވަހެކެވެ. ހުކުރު ދުވަހުގެ މެނޫވެސް އެހެން ދުވަސް ތަކާ ހިލާފަށް ގިނަ އެއްޗެހި ލިބެން ހުރެއެވެ. ގިނަ އައިޓަމް ތަކާއެކު ހުކުރު ދުވަހުގެ މެނޫ އިން ރޯދަ ވީއްލުން އިންނަނީ 199 ރުފިޔާ އަށެވެ.
ޕާޕާ ސޭމްސްއަށް ހުރިހާ ވެސް އެއްޗަކީ އެތަނުގެ ކަސްޓަމަރުންނެވެ. ފާޑު ކިޔުމާއި ތައުރީފް ބަލައިގަނެ ބޭނުން ވަނީ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރާށެވެ. އެގޮތުން ކަސްޓަމަރުންނާއި ވީހާވެސް ރައްޓެހި ގޮތަކަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ޕާޕާ ސޭމްސް އިން ކަސްޓަމަރުންގެ ރިވިއު ހޯދުމަކީ އެ ރެސްޓޯރެންޓުން އާންމު ގޮތެއްގައި ކުރާ ކަމަކެވެ. ސަބަބަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ކާއެއްޗެހި އުފެއްދުމަށް އެންމެ މުހިއްމު ކަމަކީ އެމީހުންގެ ހިޔާލު ހޯދުން ކަމަށެވެ. ކަސްޓަމަރުންގެ ހިޔާލާއެކު ކާ އެއްޗެއްސަށް ބަދަލު ގެނައުމަކީ ވެސް ޕާޕާ ސޭމްގެ ތަފާތު ކަމެކެވެ.
އޭގެ އިތުރުން ޕާޕާ ސޭމްސްގެ ވިސްނުން ހުރީ މުސްތަގުބަލުގައި ވިޔަފާރި އިތުރަށް ފުޅާކޮށް މާލޭގައި ޑިލިވަރީ ފަށާ، މި ރަހަތައް އެންމެނަށް ވެސް ލިބޭނެ ގޮތް ހެދުމެވެ. މި ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުންގެ 50 ޕަސެންޓަކީ އެއްފަހަރަށް ވުރެ ގިނައިން އަންނަ ކަސްޓަމަރުންނެވެ. ޕާޕާ ސޭމްސް އިން ބުނީ މިފަދަ ކަސްޓަމަރުންނަށް ވަރަށް އަވަސް މުސްތަގުބަލެއްގައި ޑިސްކައުންޓާއި ލޯޔަލްޓީ ކާޑސް ފަދަ ތަކެތި ތައާރަފު ކުރެވިގެންދާނެއެވެ. ކަސްޓަމަރުން އުފާ ކޮށްދިނުމަކީ އެ ރެސްޓޯރެންޓުގެ އެނެމް އިސްކަމެއް ގޮތުގައި ދެކޭ އެއް ކަމެވެ.
ގިނަ މީހުންނެކޭ އެއްފަދައިން އަހަރެންވެސް މި ރެސްޓޯރެންޓުން ނިކުތީ ކާއެއްޗެހީގެ އަޖުމަ ބަލާފަ އާޝޯހުވެގެންނެވެ.