ދިވެހިންގެ ވާހަކަ އެނބޫދޫފަޅުން ދުނިޔެއަށް!

އެނބޫދޫފަޅުން: މުހައްމަދު އަފްރާހު
May 26, 2019
އެނބޫދޫ ފަޅުގައި ތަރައްގީކޮށްފައިވާ ހާޑްރޮކް ހޮޓެލްގެ މައުލޫމާތު -- އަވަސް

އެނބޫދޫ ފަޅަކީ މީގެ ތިން އަހަރު ކުރީން އެން ކެއުމަށް އައިންމަތީ ދޫނި ތިރިކުރުން ފިޔަވައި އިތުރު ކަމެއް ނޯންނަ ސަރާސަރު ފަޅެކެވެ. އެކަމަކު މާލެ އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައިވާ އެނބޫދޫ ފަޅުތެރޭން މިހާރު އުފުލިފައިވާ ސަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އުންމީދެވެ. މަޝްހޫރު ބްރޭންޑްތަކުގެ ހޮޓާތަކާއި ރެސްޓޯރެންޓުތަކާއި ކުޅިވަރުތައް ހިމެނޭ ގޮތަށް އެނބޫދޫ ފަޅުގެ ތެރެއިން ދުނިޔެއަށް މި ގެނެސްދެނީ ޝައުގުވެރި ކުރުވާނެ ގިނަ ރީތި އެތައް ވާހަކައެކެވެ.

ތައި ހިއްސާގެ ބާޒާރުގެ ޖަޔަންޓް، ސިންހަ ކުންފުނިން އެނބޫދޫ ފަޅުގައި ފެށި "ކްރޮސްރޯޑް" މަޝްރޫއުގެ ފުރަތަމަ ބައި މި އަހަރު ހުޅުވާއިރު، މި ތަން ހާއްސައީ ދިވެހިންނަށެވެ. މިތަނުން މުޅި ދުނިޔެއަށް ގެނެސްދެނީ ދިވެހިންގެ ވާހަކަ އެވެ.

"ކްރޮސްރޯޑް މަޝްރޫއުގެ ކޮންމެ މަސައްކަތަކީ ވެސް ތަފާތު ކަމެއް. މުޅިން ތަފާތު މަޝްރޫއެއް މިއީ. އަޅުގަނޑު ރާއްޖޭގެ 50 ރިސޯޓުގައި މަސައްކަތް ކުރެވިއްޖެ، އެކަމަކު މިއީ މުޅިން އާ ތަފާތު ތަޖުރިބާއެއް. އަޅުގަނޑުމެންގެ އަމާޒަކީ ތަފާތު ގޮތަކަށް، މި ދަތުރު ކުރިއަށް ގެންދިއުން. ދުނިޔެއަށް ދިވެހީންގެ މިވާހަކަ ގެންގޮސް ދިނުން،" އަަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ކްރޮސްރޯޑް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް މާޓިން ވެންޑާ ވިދާޅުވި އެވެ.

އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ މި އަގު ބޮޑު ރިސޯޓް ޕްރޮޕަޓީތަކުގެ ތެރެއިން ފުރަތަމަ ހުޅުވާނީ ހާޑްރޮކް ހޮޓެލް އާއި ސައި ލެގޫން މޯލްޑިވްސް އެވެ. މި ދެ ރިސޯޓުގެ މަސައްކަތުގެ ބޮޑުއި މިހާރު ވަނީ ނިންމާ އަތް ދޫކޮށްލާފަ އެވެ.

އަވަސް އާއި މިހާރުގެ ނޫސްވެރިންނަށް އިއްޔެ މި ދެ ރިސޯޓް ދައްކާލިއިރު، މިއާ ގުޅިފައިވާ ހިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސައީ ޔޮޓް މެރީނާ އާއި ދިވެހިންގެ ވާހަކަ ކިޔައިދޭ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު އަދި ފަރުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި ހުޅުވި ހަމައެކަނި މެއިން ޑިސްކަވަރީ ސެންޓަރެވެ.

މިއުޒިކީ ފުށިން މިއުޒިކުގެ އަޑު

ހާޑްރޮކް މޯލްޑިވްސް ހާއްސަ ވަނީ ޒުވާނުންނަށެވެ. ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ދުނިޔެއަށް ވުޖޫދުވި މި ބްރޭންޑުގެ ފުރަތަމަ ރާއްޖޭގައި ހޮޓާ ހުޅުވާއިރު މި ހޮޓަލުގައި ތަފާތު ކިތަންމެ ކަމެއް ހިމަނާފައި ވެއެވެ.

އެންމެ ހާއްސަ އެއް ކަމަކީ މި ރިސޯޓަށް އަންނަ މެހުމާނުންނަށް އޮތް ފަސޭހަތަކާއި އައި މީހަކަށް ވިއްޔާ ކުރެވޭނެ ތަފާތު އިހުސާސެވެ. މި ރިސޯޓަށް އަންނަ ޓޫރިސްޓު މީހާއަށް ފުރަތަމަ މަރުހަބާ ކިޔާނީ ގާތްގަނޑަކަށް ދެ ބުރި އިމާރާތެއްގެ އުހުގައި ހަދާފައިވާ ރިސެޕްޝަނަކުންނެވެ.

ހާޑްރޮކް މޯލްޑިވްސްގެ ރިސެޕްޝަން ހަދާފައިވަނީ އެހެން ތަންތަނާ ހިލާފަށް މާ މަތީގަ އެވެ. ޓޫރިސްޓުން ގޮވައިގެން އަންނަ ބަގީ، އުސް "ހިލް" ގެ މަތިން ދުއްވާލާފައި ގޮސް ހުއްޓާނީ ފަރުބަދައެއްގެ ގޮތަށް ހަދާފައިވާ ރިސެޕްޝަނަށެވެ. ރިސޯޓަށް ޗެކިންވާ ހިސާބަކީ މިއެވެ. މިއީ މި ރިސޯޓުގެ ހާއްސަ އެއް ސިފައެވެ. އަދި މިތަނުގެ ހާއްސަ ކަމަކީ ޓޫރިސްޓުން އަންނަ ގޮތަށް މި ތަނަށް ލަގެޖު ދޫކޮށްލުމަށްފަހު ޕޫލަށް ފުންމާލަންވީ އެވެ. ރިސެޕްޝަންއަށް ޗެކިން ވެލުމާއެކު ސްލައިޑުގައި ފުންމާލެވޭ ގޮތަށް "ޑީޕް ޕާޕަލް ސްލައިޑް" އެއް ތައްޔާރަށް އޮވެއެވެ.

ހާޑްރޮކް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޓޮލްގާ އުނާން ވިދާޅުވި ގޮތުގައި މި ރަށް ފަރުމާކޮށްފައި ވާނީ ޓޫރިސްޓު މީހާ ފުރަތަމަ އަންނަ ތަނުން ވެސް ރިސޯޓުގެ އެކްސްޕީރިއަންސް ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތަށް ބަލައިގެނެވެ.

"މި ސުވިމިން ޕޫލްއަކީ ވެސް މުޅިން ހާއްސަ ތަނެއް. މިތާނގެ އަޑީގައި ސްޕީކަރުތައް ހަރުކޮށްފައި ވާނެ. އެހެންވެ ޕޫލްގެ އަޑިއަށް ފީނައިލިއަަސް މިއުޒިކުގެ އަޑު އިވޭނެ. ޕޫލަށް ފުންމާލައިގެން ފަތާލާފައި ގޮސް ޑްރިންކަކަށް އޯޑަރު ކޮށްލަންވީ. އެކަން ހަޔާތުގައި ކޮންމެ މީހަކަށްވެސް ވާނެ މުޅިން ތަފާތު ތަޖުރިބާއަކަށް،" ޓޮލްގާ ވިދާޅުވި އެވެ.

މި ރިސޯޓުގައި 178 ވިލާ ހުރެ އެވެ. މީގެތެރޭގައި ހިމެނެނީ އިންފިނިޓީ ޕޫލާއެކު ހުޅުވާފައިވާ 74 ވޯޓާ ވިލާ އާއި މޫދުގައި އަޅާފައިވާ 37 ވޯޓާ ވިލާ އެވެ. މިއުޒިކީ ފުށީގެ ވާހަކަ އަދި ނުނިމެއެވެ.

ދިވެއްސެއްގެ ހުނަރުން ރިސޯޓަށް ފުރިހަމަކަން!

މި ހާޑްރޮކް މޯލްޑިވްސް އަށް އަންނަ މީހަކަށް އިހުސާސް ކުރެވޭނެ އަނެއް ކަމަކީ މި ތަނުގެ ތަފާތު ކެއުންތަކެވެ. އެ ކަމަށްޓަކައި "ދި އެލިފެންޓް އެންޑް ބަޓަފްލައި" ގެ ނަމުގައި ދެ ރެސްޓޯރެންޓް ހުޅުވާފައިވެ އެވެ. އެންމެ ގަދަފަދަ ޖަނަވާރު ކަމަށްވާ އެތަކާއި އެންމެ ނިކަމަކެތި އެއް ސޫފި ކަމަށްވާ ކޮކާލެއްގެ ރަމްޒުކޮށްދޭ މި ރެސްޓޯރެންޓަކީ ހާޑްރޮކްގެ މުހިންމު ސިފަ އެކެވެ. އެކަމަކު މިފަހަރު ހާޑްރޮކް މޯލްޑިވްސް ހާއްސަ، އަދި ދިވެހިންނަށް ހާއްސަ ވަނީ މުޅިން ތަފާތު ގޮތެއްގަ އެވެ.

މި ރެސްޓޯރެންޓު ދިވެހިންނަށް ހާއްސަވާ އެއް ސަބަބަކީ މިތަނުގެ އެންމެ މުހިންމު ކުރެހުން ކުރަހާފައި ވަނީ ދިވެއްސަކަށް ވުމެވެ. މި ހިތްގައިމު ކުރެހުން ކުރެހި ދިވެހި އާޓިސްޓަކީ އަހުމަދު ޝައްފާން އެވެ. މީގެ އިތުރުން އޭނާގެ ގިނަ ކުރެހުންތަކެއް ހާޑްރޮކް މޯލްޑިވްސްގެ ކޮޓަރިތަކުގައި ވެސް ވަނީ ބަހައްޓާފަ އެވެ

ހާޑްރޮކް މޯލްޑިވްސްގެ ކޮޓަރިތަކުގެ ފަރުމާ ވެސް ކޮށްފައިވަނީ މުޅިން ތަފާތު ކޮށެވެ. ހާއްސަކޮށް ފާހާނާ ތަފާތެވެ. މި ތަން ވުޖޫދުކޮށްފައި ވަނީ "ހިމް އެންޑް ހާ" ކޮންސެޕްޓަށެވެ. މާނައަކީ އެއް ވަގުތެއްގައި އަންހެނަކާއި ފިރިހެނަކު ފާހާނާ ބޭނުންކޮށްލެވޭ ގޮތަށް މޫނު ބަލާ ދެ ލޯގަނޑާއި އެހެނިހެން އާލާތްތައް ވަކިން ހުރެ އެވެ. އަދި ކޮޓަރީގެ ބެޑްޝީޓް އާއި ކުއިލްޓް އިން ވެސް މިއުޒިކީ ކޮންމެވެސް ސިފައެއް ރަމްޒުކޮށްދެ އެވެ. އަދި އާއިލާއެކުގައި ތިބެވޭ ގޮތަށް ހަދާފައިވާ ކޮޓަރީގެ މަތީބައި ހާއްސަ ވަނީ ކުދިންނަށެވެ. ކޮޓަރީގެ މަތީގައި ބަންކް ބެޑެއް ބަހައްޓާފައިވެ އެވެ. އަދި އެތަނުގައި ކުޑަ ޑްރަމެއް ހުރެ އެވެ.


ހާޑްރޮކް ހޮޓެލްގެ ފާހާނާގައި ބޭނުންކޮށްފައިވާ ޓޮއިލެޓްރީސް އާއި އެހެންނިހެން އާލަތްތައް ވެސް ތަފާތެވެ. މި ތަކެތީގެ ތަފާތަކީ މިއީ މޫޅީންމެ ތިމާވެށްޓާއި ރަހުމަތްތެރި އެއްޗެއްސަށްވާތީ އެވެ.

"މި ފާހާނާގައި ބޭނުންކުރާ ދަތް އުނގުޅާ ބުރުހާއި ބީޗްގައި އަރާ ފައިވާނަކީ ވެސް ތިމާވެއްޓާ ރަހުމަތްތެރި އެއްޗިހި. ރީ-ސައިކަލް ކޮށްލެވޭ ހާއްސަ އެއްޗިހި. އެކަމަކު މި ބުރުސް ތިން މަސް ވަރު ބޭނުން ކުރެވޭނެ. މިތަނަށް އަންނަ މީހާއަށް އަޅުގަނޑުމެން މީގެ ވާހަކަ ވަރަށް ރަނގަޅަށް ކިޔައި ދޭނަން. މިއީ ވަރަށް ހާއްސަ އެއްޗެއް،" ދަތް އުނގުޅާ ބުރުސް ދައްކާލަމުން ޖީއެމް، ޓޮލްގާ ވިދާޅުވި އެވެ.

ސައި ލެގޫން - ކެއުންތަކަށް ހާއްސަ

މި ރިސޯޓުގައި މި އަހަރު ދެން ހުޅުވާ، ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް ފަރުމާކޮށްފައި ވަނީ ގިނަ ގައުމުތަކެއްގެ "މިކްސް" ފަރުމާ އަކަށެވެ. ސައި ލެގޫން މޯލްޑިވްސްގައި 198 ވިލާހުރެ އެވެ. އަދި މީގެ ތެރެއިން 22 ތަނަކީ ވޮޓާ ވިލާ އެވެ. ރިސޯޓުގައި ސްރީލަންކާ އާއި އިންޑިއާ އާއި އެފްރިކާގެ ކުލަތައް ބޭނުން ކޮށްގެންނެވެ. މި ރިސޯޓުގެ ގިނަ އިމާރާތްތަކުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ފާރުތަކުގެ ކުލަތައް ވެސް މުޅިން ތަފާތެވެ.

މި ރިސޯޓުގެ ހާއްސަ އަނެއް ކަމަކީ މީރު ކެއުންތަކަށް ހާއްސަ ދެ ރެސްޓޯރެންޓް ހުރުމެވެ. މި ތަނުގައި މެޑިޓެރޭނިއަން ކެއުން ތަކަށް ހާއްސަކޮށް "މިސް އޮލިވް އޮލައި" ގެ ނަމުގައި ރެސްޓޯރެންޓެއް ހުރެ އެވެ. އަދި ތައިލެންޑުގެ ގިނަ ރަހަތަކަށް ހާއްސަކޮށް އިޓާލި އާއި ތައިލެންޑުގެ ރަހަތައް މިކްސްކޮށް "މިސްޓަ ތޮމްޔަމް" ގެ ނަމުގައި ރެސްޓޯރެންޓެއް ހުރެ އެވެ.

ސައި ލެގޫންގެ ޖެނެރަލް މެނޭޖަރު، މާޓިން ވެންޑާ ރެޖްޑިން ވިދާޅުވި ގޮތުގައި މި ސައި ލެގޫންގެ ކޮޓަރިތަކަކީ ވެސް ގެސްޓުންނަށް ތަފާތު ތަޖުރިބާއެއް ގެނުވާނެ ތަންތަނެވެ.

"ކޮންމެ ކޮޓަރިއެއްގައި ވެސް ރީތި ކުރެހުންތަކެއް ހުންނާނެ. ގިނަ ގައުމުތަކެއްގެ މިކްސްއެއް މިއީ. މިތަނުގެ ފަރުނީޗަރު ގެނެސްފައި ވަނީ އިންޑޮނީޝިއާ އިން. އެހެންވެ، އެ ގައުމުގެ ކުލަވަރު ވެސް ކޮޓަރި ތަކުން ފެންނާނެ. ކޮންމެ ކޮޓަރިއެއްގައި ވެސް ޕެޓްރިފައިޑް ވުޑްގެ ހާއްސަ އާޓިފެކްޓެއް ]ލަކުޑިން ހަދާފައިވާ ހާއްސަ ކުރެހުމެއް] ހުންނާނެ. މިވާނެ ކޮޓަރި އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ އެއްޗަކަށް،" މާޓިން ވިދާޅުވި އެވެ.

ދަ މެރީނާ އިން މަޝްހޫރު ބްރޭންޑުތައް

އެނބޫދޫ ފަޅުގައި ހުޅުވާފައިވާ، ބޮޑު ޔޮޓް މެރީނާއަކީ މި ރަށުގެ ހިތެވެ. މިތަން ފަރުމާކޮށްފައިވަނީ މި ރަށަށް އަންނަ މީހާ އަށް މަރުހަބާ ކިޔަން ހާއްސަ ގިނަ ހިދުމަތްތަކާއެކުގަ އެވެ. ޔޮޓް މެރީއަށް ފައިބަން ފެންމަތީގައި ހާއްސަ ފާލަން ތަކެއް ހަދާފައިވެ އެވެ. މިތަނުގައި އެއް ފަހަރާ 30 އުޅަނދު ބަނދަރުކޮށްލެވޭ ގޮތަށް ފެންމަތީގައި ފާލަން އަޅާފައިވެ އެވެ.

މި ޔޮޓްމެރީނާ ވަށައިގެންވާ ސަރަހައްދުތަކުގައި ފިހާރަތަކާއި ރެސްޓޯރެންޓުތައް ހިމެނޭ ގޮތަށް 26 ތަނެއް ހުރެ އެވެ. މިތާނގައި ހުރެ ވަށައިގެން ބަލާލާއިރު މިއީވެސް ވަކި ސަހަރެކޭ ހީވާނެ އެވެ. މިތަނުގައި މީޓިންތަކާއި ކައިވެނީގެ ހަފުލާތައް ބާއްވަން ހާއްސަކޮށް 300 މީހުންގެ ޖާގައިގެ ބޮޑު "ދަރުބާރު" ގެއެއް ހަދާފައި ވެއެވެ. މީގެ އިތުރުން ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓު ބްރޭންޑްތަކުގެ ތެރޭގައި "މިނިސްޓްރީ އޮފް ކްރެބް" އާއި "ހާޑްރޮކް ކެފޭ" އާއި މަޝްހޫރު ކެފޭ "ޑެލްމާ" ވެސް ހުންނާނެ އެވެ.

ޑިސްކަވަރީ ސެންޓަރު - ދިވެހިންގެ ވާހަކަ ދުނިޔެއަށް

ދިވެހިންގެ ވާހަކަ ކިޔައިދޭން ދިވެހިން ވެސް މި ވަރަށް މަސައްކަތް ކުރާނެހެން ހިއެއް ނުވެ އެވެ. އެކަމަކު ތައިލެންޑުގެ ސިންހަ ކުންފުނިން ވަނީ ދިވެހިންގެ ވާހަކަ ދުނިޔެ އަށް ކިޔައިދޭނެ ބޮޑު މައުރަޒެއް ހަދާފަ އެވެ. އެކަން ކުރަނީ ޒަމާނީ ވަސީލަތްތަކުން ވާހަކަ ކިޔައިދޭ ގޮތަށެވެ. މިއުޒިއަމް ހަދަން މަޝްހޫރު އިނގިރޭސިވިލާތުގެ ކުންފުންޏަކުން ހަދާފައިވާ މި ތަނުން ރާއްޖޭގެ ވާހަކަ އެންމެ ފުރިހަމަ އަށް ކިޔައިދެ އެވެ. ދިވެހިންގެ އޭރުގެ ސާދާ ދިރިއުޅުމުގެ މަންޒަރުތައް ގެނެސްދެ އެވެ. ދިވެހިން އެންމެ ކުރިން ކައި އުޅުނު އެއްޗިއްސާއި ދިވެހިންގެ ދިރިއުޅުން މިއަދުގެ ޖީލު ތަކަށް ކިޔައިދެ އެވެ. ދިވެހިންގެ އެންމެ މުހިންމު ކެއުން ކަމަށްވާ ކަނޑުމަހާއި ކާށީގެ ވާހަކަ ހާއްސަ ގޮތަކަށް ސްކްރީންތައް މެދުވެރިކޮށް ގެނެސްދެ އެވެ. މި ސެންޓަރުގެ ހާއްސަ ކަމަކީ މުޅިތަނުގައި ވެސް ދިވެހި ބަހުން ލިޔެ، ދިވެހިން ތަކެއްޗަށް ކިޔާނަން ލިޔެފައި ހުރުމެވެ.

"ދިވެހިންގެ ވާހަކަ އިނގިރޭސި ބަހުން އެކަންޏެއް ނޫން މިތަނުން [މޯލްޑިވްސް ޑިސްކަވަރީ ސެންޓަރު] ގެނެސްދޭނީ. މި ތަނަށް އަންނަ އެކި ގައުމުތަކުގެ މީހުންނަށް އެ ގައުމުގެ ބަސްތަކުން ވެސް ކިޔައިދޭނެ. މިތަނުގެ ވަރަށް ހާއްސަ ކަމެއް މިއީ. އާއިލާއެއްކޮށް، މިތަނަށް އައި ކުދިންނަށް ރާއްޖޭގެ ތާރީހާއި ސަގާފަތް މި ކިޔައިދެނީ،" މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފަރުގެ ހިމާޔަތުގައި މެރިން ޑިސްކަވަރީ ސެންޓަރެއް

ރާއްޖޭގެ ފަރުގެ ހިމާޔަތުގައި މެއިން ޑިސްކަވަރީ ސެންޓަރުން މިހާރު ވެސް ވަނީ ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. ރާއްޖޭގައި ހުރި ހަމައެކަނި މެރިން ޑިސްކަވަރީ ސެންޓަރުގެ ގޮތުގައިވާ މި ތަނުން ފަރުތަކަށް ދިރުން ގެނެސްދޭނެ އެވެ. އަދި އެކަމުގެ ހޭލުންތެރިކަން ފަތުރާނެ އެވެ. ހާއްސަކޮށް އެނބޫދޫ ފަޅު ހިއްކުމުން ވަށައިގެންވާ ފަރަށް ކުރި އަސަރު ކުޑަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރުމަށްޓަކައި ހާއްސަ އާލާތްތައް ވަނީ ގާއިމް ކޮށްފަ އެވެ. އަދި އެތަނުގައި މަސައްކަތް ކުރަނީ އެ ކަމަށް ހާއްސަ މާހިރުންނެވެ.

މި ހުރިހާކަމާއެކު ގާތްގަނޑަކަށް ހަތް ކިލޯ މީޓަރަށް ދެމިގެންދާ މި ބޮޑު ސަހަރު ދިވެހިންނަށް ހާއްސަ ވެއެވެ. މިތަނުގެ މުހިންމު ބައިތައް މި އަހަރު ހުޅުވާނެ އެވެ. އަދި މުޅި އެއްކޮށް ހުރިހާ ތަނެއް ނިމޭއިރު ފަސް އަހަރަށް ދެމިގެންދާނެ އެވެ. ނަމަވެސް މި މަސައްކަތް ވާނީ ރާއްޖޭގެ ޓޫރިޒަމް ޗާޓަށް ބޮޑު ބަދަލެއް ގެނުވާނެ މަސައްކަތަކަށެވެ.