ދުނިޔެ

އީދާ ދިމާކޮށް އިރާގުގައި އައިއެސްގެ ވަރުގަދަ ހަމަލާއެއް، 80 މަރު!

Jul 18, 2015

އިރާގުގެ ކާރޫބާރު ބޮޑު މާރުކޭޓެއްގައި މިއަދު ދިން ކާރު ބޮމުގެ ހަމަލާއެއްގައި 80 މީހަކު މަރާލައިފި އެވެ.

ވެރިރަށް ބަގުދާދުގެ އުތުރުން އޮންނަ ޝީއީންގެ އާބާދީ ބޮޑު އަވަށެއް ކަމަށްވާ ހާން ބަނީ ސައުދުގައި ދިން މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަރުވި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އެ ހަމަލާ ދީފައިވަނީ، އެ ބޭފުޅުން ވިދާޅުވި ގޮތުގައި، ފިތުރު އީދު ފާހަގަކުރުމަށް ކުޅިވަރުތަކެއް ކުޅެމުން ދިޔަ ވަގުތެއްގަ އެވެ.

މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލާފަ އެވެ. އެ ޖަމާއަތުން އިންޓަނެޓުގައި ޝާއިއުކުރި ބަޔާނެއްގައި ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ ތިން ޓަނުގެ ގޮވާތަކެތި ހަރުކޮށްފައި ހުރި ލޮރީއެއް ދުއްވާފައި ގޮސް، މީހުން ތެރެ އަށް ވަދެގަނެގެން ކަމަށެވެ.

ހާން ބަނީ ސައުދު އޮންނަ ދިޔަލާ ޕްރޮވިންސްގެ ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ އަހުމަދު އަލް ތަމީމީ ރޮއިޓާސް ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި މި ހަމަލާގައި ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، މަރުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

"މީހުންގެ އަދަދު ގިނަ ކަމުން، ގަބުރުތައް އަޅަން ތަރުކާރީ ހުސްކުރި ފޮށިގަނޑު ބޭނުންކުރަން ވެސް ޖެހުނު،" އޭނާ ވިދާޅުވި އެވެ.

ދިޔަލާ ޕްރޮވިންސްގެ ސަރުކާރުން ވަނީ މި ހަމަލާގައި މަރުވި މީހުންގެ ހަނދާން އާ ކުރުމަށް ތިން ދުވަސް ހަމަޖައްސައި އީދު ފާހަގަކުރަން އިތުރު އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންްޓްރޯލްކުރާ އައިއެސް އިން ދިޔަލާ ޕްރޮވިންސްގެ ބޮޑު ބައެއް މިދިޔަ އަހަރު ހިފި އެވެ. ދިޔަލާ ޕްރޮވިންސްގެ ވަރަށް ގިނަ ތަންތަނުގެ ކޮންޓްރޯލް އެ ޖަމާއަތަށް މިހާރު ގެއްލިފައި ވިޔަސް، އުތުރާއި ހުޅަނގު ބިތުގައި އޮންނަ އަވަށްތަކުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން މިހާރު ވެސް ހަރަކާތްތެރިވަމުން ދެ އެވެ.