ކުޅިވަރު

އިމްރާން ޓީސީއަށް ސޮއި ކޮށްފި

ކީޕަރު އިމްރާން މުހައްމަދު ޓީސީ ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފި އެވެ.

އިމްރާން ޓީސީއަށް ސޮއި ކުރީ އެއް އަހަރު ދުވަހަށެވެ. ޓީސީން އިމްރާން ލައްވައި ސޮއި ކުރުވީ، މީގެ ކުރިން ޓީސީގެ ގޯލް ބެލެހެއްޓި، ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމޮޝެންގްގެ ބަދަލުގަ އެވެ.

މި އަހަރުވެސް ކިރަން ގެންނަން ނިންމައި، ޓީސީން ވަނީ ކުރިން އޭނާއާއެކު ކޮންޓްރެކްޓްވެސް އާ ކޮށްފަ އެވެ. މިދިޔަ ސީޒަންގެ މޮޅު ކީޕަރުގެ އެވޯޑް ހޯދި ކިރަން ނުގެންނަން ޓީސީން ނިންމީ، ސީޒަން ފެށެން ކުޑަތަން ވެފައިވާއިރު ވެސް އޭނާއަށް ޓީމުގެ ޕްރެކްޓިހުގައި ބައިވެރި ނުވެވުމުންނެވެ.

ޓީސީގެ އޮފިޝަލަކު ބުނީ، އިމްރާން ޓީމަށް ގެނެވެމުން ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށާއި، ބިދޭސީ ކުޅުންތެރިންގެ ޖާގައަށް ފީލްޑް ކުޅުންތެރިޔަކު ހޯދަން މަގުފަހި ވެފައިވާ ކަމަށެވެ.

"އިމްރާން ހުރުމަކީ ޓީމު އިތުރަށް ވަރުގަދަ ވާނެ ކަމެއް، އެންމެ ފުރަތަމަ ކަމަކީ ޓީމުގެ ފަހަތަށްވެސް އިތުބާރު ބޮޑުވުން، އަދި މިހާރު އިތުރު ބިދޭސީީ ކުޅުންތެރިޔެއް ވެސް ފީލްޑްގެ ކުޅުންތެރިޔެއްގެ ގޮތުގައި ގެނައުމަށް މަގުފަހި ވެގެންދާނެ،" ޓީސީގެ ސީނިއާ އޮފިޝަލް ވިދާޅުވި އެވެ. "އަނެއްކަމަކީ އިމްރާން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިޔަކު އަދި ލީޑާޝިޕް ހުރި ކުޅުންތެރިޔެއް މީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވެސް ލިބިގެންދާނެ ބޮޑު ހިތްވަރެއް."

އިމްރާން ޓީސީއަށް ބަދަލުވިއިރު، އެ ޓީމުގެ ކީޕަރެއްގެ ގޮތުގައި އިމްރާންގެ ކޮއްކޮ އާދަމް އިމްމާން (އިންމި) ވެސް ހަރަކާތްތެރިވެ ޓީސީގެ ޓްރެއިނިން ތަކަށް ނުކުމެ އެވެ.

ޓީސީގެ ގޯލްކީޕިން ކޯޗަކީ، ވިކްޓަރީއަށް އިމްރާން ކުޅުނު އިރު، ވިކްޓަރީގައި ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި އަހްމަދު އަހްސަނެވެ.