ބޭރު ކުޅިވަރު

ޑެހެޔާ ހިނގައްޖެނަމަ ޔުނައިޓެޑުގެ ކަޅި ސިލެސަން އަށް

Jul 19, 2015

ރެއާލް މެޑްރިޑަށް ދާން ބޭނުންވެފައިހުރި ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާގެ ބަދަލުގައި އިނގިރޭސިކުލަބު މެންޗެސްޓާ ޔުނައިޓެޑުން ނެދަލޭންޑްސްގެ ކީޕަރު ޔެސްޕާ ސިލެސަން ގަތުމަށް މަސައްކަތް ފަށައިފި އެވެ.

ނެދަލޭންޑްސްގެ އަޔެކްސް އަށް ކުޅެމުން އަންނަ ސިލެސަން އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ ނެދަލޭންޑްސް ހޯދިއިރު ގައުމީ ޓީމުގައި ކޯޗު ލުއިސް ވެންހާލް އެއްވަނަ ކީޕަރަކަށް ކުޅުވި ކުޅުންތެރިޔާ އެވެ.

ވެންހާލް އޭނާ ޔުނައިޓެޑަށް ގެނައުމަށް މަސައްކަތް ކުރަނީ ކުޅުންތެރިޔާ ރަނގަޅަށް އެނގޭތީ އެވެ.

އޭނާ ނުލިބޭނަމަ ޔުނައިޓެޑުން ދެން މިސްރާބު ޖަހާނީ ޓޮޓެންހަމުގެ ފްރާންސް ކީޕަރު ހޫގޯ ލޮރިސް އަށެވެ. ނަމަވެސް ޓޮޓެންހަމުގެ ޗެއާމަން ޑެނިއަލް ލެވީ އޭނާގެ ކީޕަރު ކުޑަ އަގެއްގައި ނުވިއްކާނެކަން ޔުނައިޓެޑަށް މިހާރުވެސް އެނގެ އެވެ.

ޑެހެޔާ މިވަގުތު ޔުނައިޓެޑާއެކު ފަރިތަކުރަމުންދިޔަ ނަމަވެސް އޭނާ ވަނީ ރެއާލް އަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ ވިއްކާލަން ޔުނައިޓެޑުން ދެ ކަމަކަށް ޑިމާންޑް ކުރެ އެވެ. އެއީ 35 މިލިއަން ޕައުންޑަސް ނޫނީ ކީޕަރު ނުވިއްކުމަށާއި ޑެހެޔާ ވިއްކާލާއިރު ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ޔުނައިޓެޑަށް ވިއްކާލުމަށެވެ. ނަމަވެސް މިއީ ރެއާލްއިން އެއްބަސްވާ ކަންތައްތަކެއްނޫނެވެ.