ސިއްހަތު

މާ ބަރު ނަމަ މި އޮތީ ހިކެން ފައްކާ ހަތަރު ގޮތެއް!

Jul 19, 2015

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ އެއް ވައްތަރުގެ ނުވަތަ އެއް ކޮލިޓީއެއްގެ ދޭތި އެއްތަންވީމަ ދެން އުފެދޭނީ ޖަވާހިރެކެވެ. މިސާލަކަށް ހޮލީވުޑުން ނަގާ ނަމަ ކޮއެން ބްރަދާސް އެވެ. މި ނަމުގައި ހޮލީވުޑް ފަތަހަކޮށްފައިވާ ދެ ބެއިން ކަމުގައިވާ އީތަން އާއި ޖޮއެލް ފިލްމެއް އުފެއްދީމަ ދެން އެޔަށް ކިޔާނެ ފާޑެއް ނޯންނާނެ އެވެ.

އަނެއް މިސާލަކީ ޑާފްޓް ޕަންކެވެ. ގްރެމީގައި ރަން ވަނަތައް ހާސިލުކުރި ފްރެންޗް މި ދެ ފަންނާނުންގެ "ރެންޑޮމް އެކްސެސް މެމޮރީސް" އަލްބަމަކީ ވެސް އެއް ކޮލިޓީއެއްގެ ދެ މީހަކު އެއްތަންވުމުން ނުކުންނަ އާދަޔާހިލާފު ނަތީޖާގެ ސަޅި މިސާލެކެވެ.

އެހެންވީމަ ގަބޫލުކުރިޔަސް އަދި ނުކުރިޔަސް، އެއް ވައްތަރުގެ، އެއް ކޮލިޓީއެއްގެ ދެ މީހަކު ނުވަތަ ދެ އެއްޗެއް އެއްކޮށްލުމަކީ އެއިން ނިކަން އާދަޔާހިލާފު ނަތީޖާއެއް ނެރެވިދާނެ ކަމެކެވެ.

މި ވާހަކަ ކެއުމާއި ބުއިމާއި ފަލަވުމާއި ހިކުމާ ގުޅިގެން އަންނަ ހިސާބަކީ މިއީ އެވެ. ތަޖުރިބާކާރުން ބުނަނީ ބަރުދަން ކޮންޓްރޯލް ނުކުރެވިގެން އުޅޭ މީހުންނަށް ވެސް އޮތް އެންމެ މޮޅު ޑައެޓަކީ މިއީ އެވެ. ކާ އެއްޗެހި އޭގެ އެކަތި އަނެއްކައްޗާ އެއްކޮށްލައިގެން ކެއުމުން ނުކުންތަ ނަތީޖާ މާ ފޮނި ކަމަށެވެ.

ފާޑެއްގެ ސެލަޑެކެވެ. ސެލަޑަކީ ވަރަށް ގިނަ މީހުންގެ ފެވަރިޓެކެވެ. ފެނު ކެއްކި ބިހެއް ސެލަޑް ތެރެއަށް ކުދިކުދިކޮށް ކޮށައި އެއްކޮށްލުމުން ނުކުންނަނީ ކޮން ނަތީޖާއެއްކަން އެނގޭ ހެއްޔެވެ؟ މިގޮތަށް ސެލަޑް ތައްޔާރުކޮށްގެން ކެއީމަ މާ ފަސޭހައިން ހިކޭނެ އެވެ.

އެކަމަކު އަދި އެއަށް ވުރެ މޮޅު މިކްސް އަކީ ޒުވާރި އޮށާއި ތަރުކާރީ ތޮޅީގެ އޮށެވެ. ނުވަތަ ކޯން އާއި ބީންސް އެވެ. ތަޖުރިބާކާރުން ބުނަނީ ކޯން އާއި ބީންސް އެއްކޮށްލައިގެން ތައްޔާރުކުރާ ސެލަޑަކީ ހަށިގަނޑުގެ ބަރުދަން ދުއްވާލަން ނުވަތަ ހިކެން ބޭނުން ނަމަ އެކަމަށް އޮތް އެންމެ މޮޅު އެއް ހައްލު ކަމަށެވެ. 

މި ދެ ބާވަތަކީ ވެސް އޭގެ ކުޑަ މިންވަރަކުން ބަނޑުފުރުވާލަދޭ އެއްޗެވެ.

ހަށިގަނޑަށް މުހިންމު ފައިބާ އެކުލެވިގެންވާ ބީންސްގެ ކުޑަ މިންވަރަކުން މުޅި ދުވަހުގެ ހަކަތަ ލިއްބައިދޭއިރު މިއީ ގަދަ އަށް ނުވަތަ ގިނައިން ކާ ހިތްވާ މީހާ އެކަމާ ދުރުކޮށްދޭނެ އެއްޗެކެވެ.

ކޯން އާއި ބީންސް އަކީ ހަޖަމުކުރުމުގެ މަރުހަލާގެ ދުވެލި ލަސްކޮށްލާ ދެ ބާވަތެކެވެ. މީގެ ސަބަބުން އޭގެ ނުރައްކާތެރި ކެލޮރީސް އާއި ގުލްކޯޒް ހަށިގަނޑަށް ނެގުން ވެސް ހުއްޓުވައިދެ އެވެ.

މިއީ ވެސް ހިކެން މަސައްކަތްކުރާ މީހުންނަށް އޮތް ރަނގަޅު އިހްތިޔާރެއް ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ. މިސާލަކަށް އިނގުރުން ފަށާ ނަމަ މިއީ ކޮލެސްޓްރޯލް ބެލެހެއްޓުމަށް ނިކަން ރަނގަޅު އެޖެންޓެކެވެ.

ކޮލެސްޓްރޯލް ކޮންޓްރޯލުން ނެއްޓިގެން ދިއުމަކީ ވަރަށް ގިނަ އަންހެނުންނާއި ފިރިހެނުން ފަލަވުމަށް މެދުވެރިވާ ސަބަބެކެވެ.

އިނގުރުގެ އަނެއް ފައިދާ އަކީ މިއީ ގާތްގަނޑަކަށް ކޮލެސްޓްރޯލް ފްރީ އެއްޗެކެވެ. އެހެންވީމަ މިއީ ވެސް ހިކެން ބޭނުންވާ މީހާ އިނގުރާ އެކު ޕާޓީކުރުމަށް ލިބޭ ފުރުސަތެކެވެ.

މިސާލަކަށް މާގަދަ އަށް ކެވޭ މީހާ ވެސް އިނގުރުނު ނަގާ ނަމަ އެ މީހެއްގެ މެޓަބޮލިޒަމް މަތިކޮށް ފަސޭހައިން ފެޓް ބާންކޮށްދޭނެ އެވެ.

ދެން މި އޮތީ ދިވެހިންގެ ކަނޑުމަހުގެ ވާހަކަ އެވެ. އޭގައި ހިމެނޭ ޑޮކޯސަހޭޒައޮނިކް އެސިޑަކީ އޮމޭގާ ތްރީ ފެޑްގެ ވައްތަރެކެވެ. މިއީ ބަނޑުގައި ޖަހާ ސަރުބީތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް މުހިންމު ރޯލެއް އަދާކުރާ އެސިޑެކެވެ.

އެހެންވީމަ ހިކެން ގަސްދުކުރާ ނަމަ ކަނޑުކަމާއި އިނގުރު، ބްރައުން ރައިސްއާ އެއްކޮށްލައިގެން ކާން ތައްޔާރުވާށެވެ.

އާންމުކޮށް ގިނަ މީހުންގެ ފެވަރިޓަކީ ސްޕިނިޗާއި އޮލިވް އޮއިލް އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ސްޕިނިޗާ އެކު އެވޮކާޑޯ އޮއިލް މާ ރަނގަޅުވާނެ ކަމަށެވެ.

އެވޮކާޑޯ ތެލަކީ ކޮލެސްޓްރޯލް ކޮންޓްރޯލްކޮށް، ބަނޑުހައިވުމުގެ ބައި ދުރުކޮށްދޭ ތެލެކެވެ. ވިޓަމިން ބީ އާއި އީ އަދި ޕޮޓޭސިއަމްގެ މުއްސަނދިކަން ވެސް ލިބިފައިވެ އެވެ. މިއީ ކުޑަ މިންވަރަކުން މިކަން ގަދަ އަށް ގައިގައި ވަރު ޖައްސައިދޭނެ އެއްޗެކެވެ.

އަނެއްކޮޅުން ސްޕިނިޗް ފަތުގައި ހިމެނޭ ތައިލަކޮއިޑް މާއްދާއަކީ ބަރުދަން ދަށް ކުރުމަށް ނިކަން ބޮޑަށް އެހީވެދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. ގަދަ އަށް ނުވަތަ ގިނައިން ކާ ހިތްވުމުގެ ސިފަ ވެސް ކަނޑުވައިދެ އެވެ.

ތަޖުރިބާކާރުން ބުނަނީ މިއީ ކެއުމަކަށް ފަހު ނަގަން އެންމެ ރަނގަޅު އެއް ޑެޒަޓް ކަމަށެވެ. ހަނީމެލަންގައި ފެނުގެ ނިސްބަތް ބޮޑުވީމަ މިއީ އެ އެއްޗެއް ކައިގެން ނިކަން ފަސޭހައިން ބަނޑު ވެސް ފުރާލެވޭނެ އެއްޗެކެވެ. އޭރުން ގިނައިރު ވަންދެން އިތުރު އެއްޗެހިތަކެއް ނުކައި ނުވަތަ ބަނޑުހައިނުވެ ހުރެވިދާނެ އެވެ.

އާންމުކޮށް ބަރުދަން ދުއްވާލަން މަސައްކަތްކުރާ މީހުންނަށް ހަނީމެލަން އަކީ ހަމަ ޖަވާހިރެކެވެ. މީގެ އިތުރުން ރެޑް ގްރޭޕްސް އަކީ ވެސް ސަރުބީއާ ދެކޮޅަށް ހަރަކާތްތެރިވާ ގިނަ މާއްދާތަކެއް އެކުލެވިގެން އަންނަ މޭއާ އެކެވެ.