ހަބަރު

ދެ މީހުންގެ މައްސަލާގައި ފުލުހުންގެ އިހުމާލެއްވޭތޯ ބަލާނަން: ސީޕީ

Jun 6, 2019
6

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުންގެ މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދަމުންދާއިރު، އެ މައްސަލަ ފުލުހުންގެ ތެރެއިން ބަލާނެކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ބަންދު ޖެހުމަށް ގެންދިޔައީ ކުރިމިނަލް ކޯޓަށެވެ. ނަމަވެސް 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ ބަންދުކުރުމަށް ނެރެފައިވާ އަމުރުގައި އިޖުރާއީ މައްސަލަތަކެއް އުޅޭތީ ކުރިމިނަލް ކޯޓުން އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. ބަލައި ފާސްކުރަން ނެރެފައި އޮތް އަމުރުގައި އެ އަމުރު ނެރުނު ފަނޑިޔާރުގެ ނަމެއް ނެތެވެ. ނަން އޮތުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.

އެމީހުން ދޫކޮށްލުމުން ހުޅުމާލެ ކޯޓުން އިތުރު އަމުރެއް ހޯދައިގެން އަނެއްކާވެސް އެ ދެ މީހުން ހައްޔަރުކުރި އެވެ. އަދި މިފަހަރު ބަންދު ޖެހުމަށް ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. ނަމަވެސް ހުޅުމާލެ ކޯޓުން ވެސް އެންގީ އެ ދެ މީހުން ދޫކޮށްލުމަށެވެ. އެއީ ބަންދު ޖެހުމަށް ހުށަހެޅުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ފުލުހުން އަމަލު ކުރަމުންދާ ގޮތާމެދު ސުވާލު އުފެދޭ ކަމަށާއި އަމަލު ކުރާ ގޮތުން އަދުލުގެ ނިޒާމްގެ ތަރުތީބު މުގުރިފައިވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.

ރޭގެ ވަގުތެއްގައި އެ ދެ މީހުން ތިންވަނަ ފަހަރަށް ހައްޔަރުކޮށްފައިވާއިރު، ޕޮލިސް ކޮމިޝަނަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތަށް ބަލައި، ރަނގަޅު ކުރަންޖެހޭ ކަމެއްވާނަމަ އެކަން ކުރާނެ ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން އަރުވަން،" ހަމީދު ވިދާޅުވެފައިވެ އެވެ.