ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގް މެޗުގައި، އަމިއްލަ ދަނޑުގައި ކުޅެ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން ޓީސީ ސްޕޯޓްސް ކުލަބު ހުއްޓުވައިފި އެވެ. ޓީސީ މޮޅުވެގެން މެޗު ނިމެން ދަނިކޮށް ފޯކައިދުއިން 1-1 ން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު ކޮޅުގަ އެވެ.
ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗަކީ، ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގެ އެންމެ ޓޮޕް ޑިވިޝަންގައި ކުޅުނު ތާރީހީ މެޗެވެ. މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން އެފްއޭއެމް ހަމަޖެއްސީ، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން ޓީމަށާއި، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް ފުރުސަތު ދޭ ގޮތަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން، ތ. ތިމަރަފުއްޓަށް އެ ފުރުސަތު ދިން ނަމަވެސް އެ ރަށަށް ތައްޔާރު ނުވެވުމުން އެ ފުރުސަތު ދިނީ ރަނަރަފު ފޯކައިދުއަށެވެ.
މީގެ ކުރިން، ސީޒަން ހުޅުވާ މެޗު ހާއްސަ ކުރަނީ، ދިވެހި ލީގް ޗެމްޕިއަން ޓީމަށާއި އެފްއޭ ކަޕު ޗެމްޕިއަން ޓީމަށް ނުވަތަ ލީގްގެ ދެ ވަނަ ޓީމަށެވެ. އެ ފުރުސަތު މިނިވަން ޗެމްޕިއަންޝިޕްގެ ޓީމަށް ދިނުމަކީވެސް އެފްއޭއެމުން އަލަށް ގެނައި ބަދަލެކެވެ. ވަގުތު ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ކުޅެފަވެސް ނުވެ އެވެ.
މިއަދު ފޯކައިދޫގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ދެ ވަނަ ހާފުގައި ޓީސީއަށް ލީޑް ނަގައިދިނީ، އިސްމާއީލް އީސާ 'މެސީ' އެވެ. އެ ލަނޑާއެކު މެޗުގެ 85 ވަނަ މިނެޓަށް ދިޔައިރުވެސް ޓީސީ އޮތީ ލީޑްގަ އެވެ. އެހެންނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ފޯކައިދުއިން ނަތީޖާ ހަމަހަމަ ކުރީ 90 މިނެޓް ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށެވެ.
ފޯކައިދޫގެ ލަނޑަކީ، މެޗުގެ 88 ވަނަ މިނެޓްގައި، އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހުސައިން ފަޒީލް ކާމިޔާބު ކުރި ލަނޑެކެވެ.
ޗެރިޓީ ޝީލްޑްގެ ދެ ވަނަ ލެގް މެޗު އަންނަ ހޯމަ ދުވަހު އޮންނާނީ މާލޭގަ އެވެ.