ކުޅިވަރު

ފޯކައިދޫއަށް މާލެ ނާދެވުމުން މެޗުގެ ފަސް ކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ފުލު ޓީމަށް މާލެ ނާދެވުމުން، ޗެރިޓީ ޝީލްޑްގެ ދެ ވަނަ ލެގް މެޗު ފަސް ކޮށްފި އެވެ.

މާދަމާ ކުޅެން ހަމަޖެހިފައިވާ، ޗެރިޓީ ޝީލްޑް މެޗަށް ފޯކައިދޫ ޓީމުން، މިއަދު މާލެ އަންނަން މަސައްކަތް ކުރި ނަމަވެސް އެ ޓީމަށް މާލެ ނާދެވުނީ މޫސުން ގޯސްވެ ދަތުރު ނުކުރެވޭ ވަރަށް ކަނޑުގަދަ ވުމުންނެވެ.

ދެ ބެޗަކަށް ބަހާލައިގެން ރަށުން ފުރުހަމަށް ހަމަޖެހުނު ފޯކައިދޫގެ ޓީމުގެ ފުރަތަމަ ބެޗު ވަނީ މިއަދުގެ ހެނދުނު ވަރަށް ކުރީކޮޅު ހަނިމާދޫއަށް ގޮސްފަ އެވެ.

ފޯކައިދޫގެ ޓީމުގެ އޮފިޝަލް އަދި އެ ރަށުގެ ކައުންސިލް ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، ބައެއް ކުޅުންތެރިންނާއި އަދި ބައެއް އޮފިޝަލުން ހިމެނޭ ގޮތަށް 18 މީހުންގެ ފުރަތަމަ ލޯންޗު ފޮނުވާލެވުނު ކަމަށެވެ. ނަމަވެސް ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުން ނުފުރި ރަށުގައި އެބަތިބި ކަމަށެވެ.

"ކުޅުދުއްފުށިން އައި ލޯންޗު ފަތިހު އަތުވެއްޖެ، އޭރު މޫސުންވެސް އޮތީ ކޮންމެވެސް ވަރަކަށް ރަނގަޅަށް، ވަރަށް ހެނދުނު 18 މީހުން ފުރުވާލެވުނު،" ރާޝިދު ވިދާޅުވި އެވެ. "ދެ ވަނަ ލޯންޗު ފުރަންވީއިރު މުސުން ވަރަށް ގޯސް ވެއްޖެ އެހެންވެ ބާކީ ތިބި ކުޅުންތެރިންނާއި އޮފިޝަލުންނަށް ފުރޭނެ ގޮތެއް ނުވި."

އޭނާ ބުނީ، ކުރިއަށް އޮތް ތިން ދުވަހަށްވެސް ފުލައިޓްތައް ފުލުވެފައި ވުމުން ޖާގަ ހޯދަން ދަތި ވެފައިވާ ކަމަށެވެ.

ޗެރިޓީ ޝީލްޑްގެ ފުރަތަމަ ލެގް މެޗުގައި މިދިޔަ ހުކުރު ދުވަހު ކުޅުނީ ފޯކައިދޫގެ ފުޓްބޯޅަ ދަނޑުގަ އެވެ. އެ މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ފޯކައިދޫއިން ޓީސީއާ އެއްވަރު ކުރީ ޓީސީ ލީޑްގައި އޮވެގެން މެޗު ނިމެން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގަ އެވެ.