ހަބަރު

ފުލުހުންނަށް ފިލަން ކަނޑަށް ފުންމާލި މީހަކު ހޯދަނީ

Jun 9, 2019
1

މަސްތުވާތަކެތި ހިފައިގެން ގއ. ކަނޑުހުޅުދޫއަށް ދާން އުޅުނު މީހަކު ހޯދަން ފުލުހުން ހަރަކާތްތެރިވާން ފެށުމުން އޭނާ ފެރީ އިން ފުންމާލައިގެން ފިލައިފި އެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި ފުލުހުން ހަރަކާތްތެރިވާކަން އެނގިގެން ކަނޑުހުޅުދޫއަށް ދިޔަ ފެރީގައި ހުރި މީހާ ފުންމާލާފައި ވަނީ ފަޅު ރަށް މާވަރުލު ކައިރިއަށް ކަމަށެވެ. އަދި އޭނާ ހޯދަން އާންމުންގެ ތިން މީހަކު ޑިންގީއެއްގައި ދިޔަ ކަމަަށާއި އެ ޑިންގީ ބަންޑުން ޖަހާލައި އެ މީހުން ވެސް ކަނޑުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކު ފަތާފައި މާވަރުލަށް އަރާފައިވާ އިރު އަނެކަކު ކައިރީ އޮތް ދޯންޏަކަށް އެރި ކަމަށް ފުލުހުން ބުންޏެވެ. ޑިންގީގައި ދިޔަ ތިން ވަނަ މީހާ ވެސް ކަނޑުމަތިން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ފެރީއިން ފުންމާލައިގެން ފިލި މީހާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.