ހަބަރު

އާއިލީ ވެރިކަމެއްގެ ތެރެއިން މަޖިލީހުގައި ވެސް އޮތީ އާއިލީ ގޮތް: ޖާބިރު

Jun 10, 2019
13

ރާއްޖޭގައި މިހާރު އޮތީ އާއިލާވެރިކަމެއް ކަމަށާއި، އެ އާއިލީ ގޮތް މިހާރު ރައްޔިތުންގެ މަޖިލީހުން ވެސް ފެންނަން ފަށާފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ނަން ވަނީ ހުށަހަޅައިފަ އެވެ.

އެ ބަހުސްގައި ފުރުސަތު ހޯއްދަވައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ މީހުން ޓްރެފިކް ކުރުމުގެ މައްސަލައަކީ ގައުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި އެކަން ކުރިއަށްދަނީ ސަރުކާރުތަކުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށެވެ. ނަމަވެސް، ފިހާރައެއް ހިންގާ އުސޫލުން ހިނގާ އެކަން ހުއްޓުވޭނީ އިހުލާސްތެރިކަން އޮވެގެން ކަމަށެވެ.

"މިހާރު ރާއްޖޭގައި މިއޮތީ އާއިލާ ވެރިކަމެއް. މަޖިލީހުގައި ވެސް ހަމަ އެކަން ފެނިގެން މިދަނީ. ކޮމިޓީތަކަށް މީހުން ކަނޑައެޅުމުގައި ވެސް މި އޮތީ އާއިލާ ގޮތް،" ޖާބިރު ތުހުމަތު ކުރެއްވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރު ޖަވާބުދާރީ ކުރަން މަޖިލީހުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރެވެންޏާ "މިތާ އެހެން ބަޔަކު ތިބުމުގެ ބޭނުމެއް" ނެތް ކަމަށެވެ.

އެ ބަހުސްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެންބަރުގެ އަޑު އުފުލުމުގެ ޖާގައެއް ނުލިބޭ ކަމަށެވެ. އަދި ކޮމިޓީތަކަށް މެންބަރުން ކަނޑައަޅަނީ ވެސް އާއިލީ ގުޅުމަށް ބަލައިގެން ކަމަށް ޝިޔާމް ވެސް ތުހުމަތުކުރެއްވި އެވެ.

އެކަމުގެ ރައްދުގައި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފު ވިދާޅުވީ، ޖީހާންގެ ނަން އެ ކޮމިޓީއަށް ހުށަހެޅީ ވަކި އާއިލާއަކަށް ނިސްބަތްވާތީ ނޫން ކަމަށާއި، މަޖިލީހުގައި ތިއްބެވި މެންބަރުންގެ އެ މަގާމަށް އެންމެ ގާބިލު މެންބަރުކަމަށް ވާތީ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާއަށް ނިސްބަތްވާ ޖީހާން މަޖިލީހަށް އިންތިހާބުވެފައިވަނީ ފާއިތުވި 25 ވަރަކަށް އަހަރު ސޯލިހު ދިފާއުކު ރެއްވި ހިންނަވަރު ދާއިރާގެ ގޮނޑިއަށެވެ.

ޖީހާންއަކީ އެޗްއާރްސީއެމްގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅެކެވެ. އެޗްއާރްސީއެމްގެ މެމްބަރެއްގެ ހައިސިއްޔަތުން، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދިނުމުގައި ޖީހާން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން، މިއަދުގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގެވީ އާއިލީ ވެރިކަމެއް ކަމަށް ބުނެ އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދި އެމްޑީޕީ ވެސް އާއިލީ ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.