ރައްޔިތުންގެ މަޖިލިސް

ތިން މެންބަރަކު އެމްޑީޕީއަށް ބަދަލުވިކަން އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އެމްޑީޕީއަށް ބަދަލުވިކަން މަޖިލީހުގައި މިއަދު އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ދަފުތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ގޮތުގައި ތިއްބެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.

އެ މެންބަރުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފުތަރުގައި ހިމެނިފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މެންބަރުން ނިސްބަތްވާ ޕާޓީތައް

  • އެމްޑީޕީ: 56 މެންބަރުން
  • ޕީޕީއެމް: 5 މެންބަރުން
  • ޕީއެންސީ: 3 މެންބަރުން
  • އެމްއެންޕީ: 3 މެންބަރުން
  • ދަ ޑިމޮކްރެޓްސް: 3 މެންބަރުން
  • އެމްޑީއޭ: 2 މެންބަރުން
  • ޖުމްހޫރީ ޕާޓީ: 2 މެންބަރުން
  • ވަކި ޕާޓީއަކަށް ނިސްބަތްނުވާ: 13 މެންބަރުން

މި ބަދަލާއި ގުޅިގެން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ބަހުސްގެ ވަގުތަށް ބަދަލު ގެނެވިފައިވާ ކަމަށާއި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އަންނާނެ ބަދަލަށް ވޯޓަށް އަހާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.