މިދިޔަ ދެތިން މަހު އެންމެ ގިނަ ބައެއްގެ ޝަކުވާ އަކަށް ވެފައިވަނީ ކަރަންޓް ބިލެވެ. އެންމެ ގިނައިން އިވެމުންދާ ޝަކުވާއަކީ ވެސް އެއީ އެވެ. ކަރަންޓް ބިލް އެހާ ބޮޑީ ކީއްވެ ހެއްޔެވެ؟ މަހަކަށްފަހު މަހެއް ކަރަންޓް ބިލް ބޮޑުވެގެން ދިޔައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ މި ޝަކުވާތަކުގެ ޖަވާބު ބޭނުންވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ.
އެންމެ ބޮޑަށް މިކަމާ ގުޅިގެން ޝަކުވާ ކުރި ބަޔަކީ ގްރޭޓާ މާލޭގެ ރީޖަންގެ ރައްޔިތުންނެވެ. 500 ރުފިޔާގެ ބިލަކުން 2،000 ރުފިޔާގެ ބޮޑު ބިލަކަށް ބަދަލުވެގެން ދިޔަ ޝަކުވާ އެވެ. އެ ޝަކުވާތަކަށް ސަބަބުތައް ވެސް އެބަހުއްޓެވެ. އެއީ ސަރުކާރުން ކަރަންޓް ބިލް ތަކުގެ އަގު ހެޔޮ ވާނެ ކަމަށްވީ ވައުދުގެ ސަބަބުންނެވެ. އެ ބަދަަލު މިދިޔަ މާރިޗް މަހު ގެނެސްފައިވާތީ އެވެ. ނަމަވެސް ކަރަންޓް ބިލުން އެ ހެޔޮ ބަދަލު ފެންނަން ނެތް ޝަކުވާއަކީ އެންމެ ބޮޑު ޝަކުވާ އެވެ.
ސަރުކާރުން ކަރަންޓަށް ގެނައި ބަދަލަކީ ކޮބާ؟
މިދިޔަ މާޗް މަހު ސަރުކާރުން ގެނައި ބަދަލު ބައެއް ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް އޮޅިފަ އެވެ. ސަރުކާރުން ނިންމި އެންމެ ބޮޑު ނިންމުމަކީ ކަރަންޓުގެ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކޮށް ހެޔޮ ކޮށްދިނުމެވެ. އެއީ ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލުމެވެ.
އަނެއް ބަދަލަކީ ހުރިހާ ކަރަންޓް ބިލްތަކުން ފިއުލް ޑިސްކައުންޓެއް ދިނުމެވެ. އެއީ ޔުނިޓަކަށް 12 ލާރީގެ ޑިސްކައުންޓެވެ. އެބަދަލަކީ ކުރިން ބޭސް ރޭޓެއްގެ ގޮތުގައި ތެލުގެ އަގުން ނަގަމުންދިޔަ އަށް ރުފިޔާ 7.60 ލާރިއަށް ކުޑަކުުރުމެވެ. އެއީ 40 ލާރީގެ ކުޑަ ކުރުމެކެވެ. އެގޮތުން ކުޑަވާ ކޮންމެ 10 ލާރިއަކަށް ލިބިގެންދަނީ ތިން ލާރީގެ ޑިސްކައުންޓެކެވެ. އެހެންކަމުން 40 ލާރިއަށް ލިބިގެންދަނީ 12 ލާރީގެ ޑިސްކައުންޓެކެވެ. އެއީ ފިއުލް ޑިސްކައުންޓެވެ.
މާޗް މަހުން ފެށިގެން ގްރޭޓާ މާލެ ރީޖަންއަށް އައި ހަމައެކަނި ބަދަލަކީ ފިއުލް ޑިސްކައުންޓްގެ 12 ލާރީގެ ޑިސްކައުންޓެވެ. އެބަދަލު ކަރަންޓް ބިލުން ފެންނަން މިހާރު ހުރެ އެވެ. ނަމަވެސް އެޑިސްކައުންޓަކީ ބޮޑު ބަދަލެއް ނޫނެވެ. ވަރަށްވެސް ކުޑަ ބަދަލެކެވެ. މިސާލަކަށް ބަލާނަމަ 700 ޔުނިޓްގެ ބިލަކަށް 12 ލާރީގެ ޑިސްކައުންޓަކީ 84 ރުފިޔާ އެވެ. މާލޭ ރީޖަންގެ ކަރަންޓް ބިލް ތަކަށް އައި ބަދަލަކީ އެއީ އެވެ. އިތުރު ބަދަލެއް ފެނިގެންނުދާނެ އެވެ.
ކަރަންޓް ބިލްތަކަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ރަށްރަށުގެ ބިލް ތަކަށެވެ. އެގޮތުން ކުރިން ރަށްރަށުން ނަގަމުންދިޔަ ރޭޓް މިހާރު ވަނީ މާލޭ ރީޖަންތަކާއި އެއްހަމަކޮށްފަ އެވެ. އެބަދަލާއެކު ކަރަންޓް ބިލްތަކުގެ އަގު ގާތްގަނޑަކަށް އެބައިކުޅަ އެއްބައި ކުޑަވެގެންދާނެ އެވެ.
ފެނަކައިގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑެވެލޮޕްމެންޓް އަހުމަދު އަޒްލީން ވިދާޅުވީ، ކަރަންޓް ބިލްތަކުން މިދިޔަ ދެމަހު ވަރަށް ބޮޑު ބަދަލެއް ފެނިގެން ގޮސްފައިވާނެ ކަމަށެވެ. އެގޮތުން ކުރިން 3،000 ރުފިޔާގެ ބިލެއް 2،300 ރުފިޔާގެ ބިލަކަށް ކުޑަވެގެން ގޮސްފައިވާ ކަމަށެވެ. އެބަދަލު އައިސްފައިވަނީ ކަރަންޓްގެ އަގު އެއްހަމަ ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ރަށްރަށުގެ ކަރަންޓް ބިލްތަކަށް ގެނައި ބަދަލު ވަރަށް ބޮޑަށް ފެނިގެން ހިނގައްޖެ، ކުރިން ބަލާނަމަ ގޭގެ ބިލަށް އަރާ 1،800 ރުފިޔާ. މިހާރު ބިލް މިވަނީ 1،000 ރުފިޔާއަށް ކުޑަވެފަ، އެބަދަކީ ބޮޑު ބަދަލެއް، ހާއްސަކޮށް މިހާ ހޫނު ގަދަ ދުވަސްކޮޅަކާއި ދިމާކޮށް އެހާ ކުޑަ ބިލެއް ލިިބިގެން ދިއުމަކީ އުފާވެރިކަމެއް،" ބ. އަތޮޅު ރައްޔިތަކު އޭނާގެ ޝުއޫރު ފާޅުކުރި އެވެ.
ރާއްޖޭގެ ރަށްތަކުގެ ކަރަންޓް ބިލްތަކުން މިހާރު ބަދަލު ފެނިގެންދާނެ ކަމަށެވެ. އެބަދަލާއިމެދު ރައްޔިތުންތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. ފެނަކައިން ބުނީ، އެބަދަލު ނުގެންނަނަމަ ކަރަންޓް ބިލްތައް މިވޭތުވެދިޔަ ތިން މަހު ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އުފާކުރަން މިއަދުގެ ސަރުކާރުން އެބަދަލު ގެނެސްދެއްވިކަމަށްޓަކައި، ވަރަށް ބޮޑު ލުޔެއް އަޅުގަނޑުމެންނަށް ލިބިގެންމިދިޔައީ،" ރާއްޖޭގެ ރައްޔިތަކު ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ސަރުކާރުން ކަރަންޓުގެ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކުރުމުގެ ސަބަބުން ރަށްރަށުން ވަރަށްވެސް "ޕޮޒިޓިވް ކޮމެންޓްސް" ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކުންފުނިން މާލޭ ރީޖަން ފިޔަވާ ދެން ކަރަންޓް ފޯރުކޮށްދޭ ރަށްތަކުން ބިލް ބޮޑުވެގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. ލިބިގެންދިޔައީ ކަރަންޓް ބިލްތަކާމެދި ހިތްހަމަ ޖެހިފައިވާ ރައްޔިތުންގެ ޝުއޫރުތައް ކަަމަށެވެ.
ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލަށްފަހު އެބަދަލު ކަރަންޓް ބިލްތަކުން ފެނިގެން މިހާތަނަށް ގޮސްފައިނުވާކަމީ މާލޭ ރީޖަންގެ އެންމެ ބޮޑު ޝަކުވާ އެވެ. އެބަދަލު ވޭތުވެދިޔަ ތިން މަހުގެ ބިލުންވެސް ފެނިގެން ގޮސްފައިނުވާ ޝަކުވާ އެވެ. އަދި މަހަކަށްފަހު މަހެއް ކަރަންޓް ބިލް މަތިވަމުންދާ ޝަކުވާ އެވެ.
ތަފާސް ހިސާބުތަކަށް ބަލާލަމާ ހިންގަވާށެވެ. ވޭތުވެދިޔަ ދެއަހަރާއި މިއަހަރުގެ ތަފާސް ހިސާބުތަކަށް ވެސް ބަލަމާހެއްޔެވެ. ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރުގެ މާޗް މަހުގެ ކަރަންޓް ޔޫސޭޖަކީ ގަޑި އިރަކަށް 12،204،754 ކިލޯވޯޓެވެ. އަދި އެއަދަދު 2018 ވަނަ އަހަރު ހުރީ 13،984،960 ކިލޯވޯޓްގައި އެވެ. އަދި 2019 ވަނަ އަހަރު ހުރީ 15،409،527 ކިލޯ ވޯޓެވެ. އަދި މޭމަހުވެސް ޔޫސޭޖް ދެހާސް ނުވަތަ ތިން ހާސް ކިލޯވޯޓް ވަނީ އިތުރުވެފަ އެވެ.
ކަރަންޓް ބިލްތައް އެންމެ ބޮޑަށް ބޮޑުވަނީވެސް އެތިން މަހު އެވެ. އެސަބަބަކީ އެދުވަސްވަރަކީ އެންމެ ހޫނު ގަދަ ދުވަސް ވަރަށް ވާތީ އެވެ. ހަމައެކަނިި މިހަރުގެ މިދުވަސް ވަރުގެ ބިލްތައް ބޮޑީކީ ނޫނެވެ. ކަރަންޓް ބިލްތައް ކޮންމެ އަހަރެއްގެވެސް މާޗް އޭޕްރީލް އަދި މޭމަހު ބޮޑުވެ އެވެ. އެބޮޑުވުން ޒަމާނުއްސުރެ އާދެ އެވެ.
ކަރަންޓް ބިލްތައް މިވޭތުވެދިޔަ މަސްތަކުގައި ބޮޑުވި ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި ކުޑަވެގެންދާނެ ކަމަށް ސްޓެލްކޯ އަދި ފެނަކައިން ބުންޏެވެ. އެ ދެކުންފުނިން ވެސް ބުނީ އަންނަ މަހުގެ ބިލްތައް ކުޑަވެ. ސަރުކާރުން ގެނައި ހެޔޮ ބަދަލު ފެނިގެންދާނެ ކަމަށެވެ.