ހުރިހާ މުއައްސާތަކުންވެސް ގާނޫނީ ހުދޫގެ ތެރެއިން ކަންކަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ދެމެދު އުފެދިފައިވާ ކޯޅުންގަނޑުގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި، ސުޕްރީމް ކޯޓާއި ޖޭއެސްސީގެ އިހުތިސޯސާމެދު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މުއައްސަސާއަކުންވެސް ގާނޫނު އަސާސީ ތަންދޭ ގޮތުގެ މަތީން ކަންކަން ކުރުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލައްވައި ކަމަށެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.
އެ ނިންމުމަށް ރައްދު ދެއްވައި، އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އޭގެ ރައްދުގައި ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސްސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުން މަޑު ޖައްސާލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އެއްވެސް އަމުރެއް ނުހިންގަން ސުޕްރީމް ކޯޓަށް އިލްތިމާސް ކުރަން ފާސްކޮށްފި އެވެ.
ނަމަވެސް، ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާމެދު ފިޔަވަޅު ނޭޅޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފަ އެވެ.