ޓޫރިޒަމް

މޭ މަހު ޓޫރިޒަމަށް 11 ޕަސެންޓުގެ ކުރިއެރުމެއް

މިދިޔަ މަހު އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިން އިތުރުވުމާއެކު، ރާއްޖޭގެ ޓޫރިޒަމަށް މި މަހު 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ކޮންމެ މަހެއްގައި ވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރު އައި ފަހުން ޒިޔާރަތް ކުރާ ފަތުރުވެރިން އަންނަނީ އިތުރުވަމުން. އަޅުގަނޑުމެންގެ އަމާޒަކީ މުޅި އަހަރު މި ކުރިއެރުންތައް ދެމެހެއްޓުން." އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މޭ މަހު ރާއްޖެއަށް 103022 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 10.9 ޕަސެންޓުގެ ކުރިއެރުމެެކެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749114 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިޓަލީންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޖަރުމަނުން ޒިޔާރަތް ކޮށްފައިވާއިރު، ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ.

މި އަހަރު ފެށިގެން ކޮންމެ މަހަކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ޖެނުއަރީ މަހުގެ 6.3 ޕަސެންޓުގެ ކުރިއެރުމެއް، ފެބްރުއަރީ މަހު 16 ޕަސެންޓުގެ ކުރިއެރުމެއް، އަދި އޭޕްރީލް މަހުގެ ވަނީ 36 ޕަސެންޓުގެ ރެކޯޑު ކުރިއެރުމެއް ލިބިފަ އެވެ.