ޓޫރިޒަމް

ސެޕްޓެމްބަރު މަހު ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް

ރާއްޖޭގެ ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 51.5 ޕަސަންޓުގަ އެވެ.

މި އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 56.2 ޕަސަންޓްގަ އެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު މި އަދަދު ހުރީ 67.2 ޕަސަންޓްގަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ސެޕްޓެމްބަރު މަހު ދަށްވެފައިވާއިރު ފަތުރުވެރިން ރިސޯޓުގައި މަޑުކުރާ ރޭގެ އަދަދު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ދެ ޕަސަންޓް ދަށްވެފަ އެވެ.

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ދަށަށް ދިޔަ ނަމަވެސް ގެސްޓްހައުސް އަދި ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އިތުރުވެފަ އެވެ.

އެ ގޮތުން ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 23.7 ޕަސަންޓްގަ އެވެ. އަދި ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 30.5 ޕަސަންޓްގަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 38.9 ޕަސަންޓްގަ އެވެ. އަދި ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 33.1 ޕަސަންޓްގަ އެވެ.

ސަފާރީތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރު ދަށްވެފަ އެވެ.

ސަފާރީތަކުގެ އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުރީ 18.7 ޕަސަންޓްގަ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ހުރީ 17.2 ޕަސަންޓްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 13 ޕަސަންޓް އިތުރު އަދަދެކެވެ.